03 ޖެނުއަރީ 2018 - 15:33

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހެއް، ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ގައުމީ ފެންވަރުގައި ފާހަގަކުރާ މި ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް މާޗް 6 ކަމަށެވެ. އަދި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މާޗް ހަ ވަނަ ދުވަހަކީ ދިވެހިންގެ މެދުގައި އިސްލާމީ ވަހްދަތާއި ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ ބޭނުމުގައި ސަރުކާރުން "ތަރިކަ" މަޝްރޫއު އިިފުތިތާހު ކުރި ދުވަހެވެ. އެ މަޝްރޫއު އިފުތިތާހު ކުރީ މިދިޔަ އަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ވަކި ދުވަހެއް ފާހަގަކުރަން ނިންމީ "ތަރިކަ" މަޝްރޫއަކީ ދިވެހި ގައުމިއްޔަތާ ގުޅުން ހުރި ގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫއަކަށް ވާތީ ކަމަށެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ކަންކަން ހޯމް މިނިސްޓްރީގެ ތަރިކަ ކޮމެޓީއާ ހަވާލުކޮށްފައިވާއިރު، ދައުލަތުގެ ހުރިހާ މުއައްސަސާއަކުން އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސް ކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.