އާ އަހަރާ ދިމާކޮށް ލިޓަސްއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
އާ އަހަރާ ދިމާކޮށް ލިޓަސްއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ލިޓަސްއިން އާ އަހަރާ ދިމާކޮށް "އަލުން ބަލުން" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ޚާއްސަ ކޮށްފައި ވަނީ ސައިކަލް ގެންގުޅޭ މީހުންގެ ތެރެއިން އާ ސައިކަލެއް ގަންނަން ބޭނުން މީހުންނަށް ކަމަށް ލިޓަސްއިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި އެކި މީހުންނަށް ޑިސްކައުންޓް ލިބޭވަރު ތަފާތު ވާނެ އެވެ. އެގޮތުން ޑިސްކައުންޓް ދިނުމުގައި ބަލާނީ، އެ މީހަކު މިހާރު ގެންގުޅޭ ސައިކަލްގެ އުމުރާއި ބޭރުފުށުން ބަލާއިރު ލިބިފައިވާ ގެއްލުންތަކަށް ކަމަށް ލިޓަސްއިން ބުންޏެވެ.

"ސައިކަލް ދުއްވާ ފަރާތްތަކުގެ ތެރޭގައި އެބަތިބި އާ ސައިކަލެއް ބޭނުންވެފައި ތިބި ފަރާތްތައް. މިއީ އެ ފަރާތްތަކަށް ބޮޑު ޑިސްކައުންޓަކާ އެކު އާ ސައިކަލެއް ގަންނަން ލިބޭ ރަނުގެ ފުރުސަތެއް،" ލިޓަސްއިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭވަރު، އެ މީހަކު މިހާރު ދުއްވާ ސައިކަލްގެ ފޮޓޯ ލިޓަސްގެ މޮބައިލް ނަންބަރަށް ވައިބާ ކުރުމުން އަންގާނެ ކަމަށެވެ. މާލޭގެ އިތުރުން އެހެން ރަށްރަށުގައި ހުޅުވާފައިވާ ލިޓަސްގެ ފިހާރަތަކުން ސައިކަލް ގަންނަ މީހުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.