03 ޖެނުއަރީ 2018 - 12:30

މއ. އަލިދޫގެ ހެދުމަށް އެ ގޯތި ތެރޭގައި ކޮނެފައިވާ ވަޅުގަނޑުގެ ގުންޑޮޅި، ރޭ ކުރި ވިއްސާރައިގައި ކަނޑައިގެން ގޮސް މަގަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހުންނަ، 6،000 އަކަފޫޓުގެ އެ ގޯތީގައި ފައުންޑޭޝަން އެޅުމަށް ކޮނެފައިވާ ސަރަހައްދުގެ ބޭރުން މަގުގެ އަރިމަތީގައި ޖަހާފައިވާ ބިތްގަނޑު ވެސް ވަނީ، ގުންޑޮޅި ކަނޑައިގެން ދިއުމުގެ ސަބަބުން އެ ގޯތި ތެރެއަށް އަރިއަޅާލައިފަ އެވެ. ބިތްގަނޑު އަރިއަޅައިލީ އެ ގޯތީގައި ކޮނެފައިވާ ވަޅުގަނޑުގެ ތެރޭގައި ފެންބޮޑުވެ މަގާ ވީ ފަރާތުން ވަޅުގަނޑުގެ ތެރެއަށް ވެލިގަނޑު ފާބައި ގުންޑޮޅި ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.
އެ ސަރަހައްދުގެ ގުންޑޮޅި ކަނޑައިގެން ދިޔުމުގެ ސަބަބުން، މަގުގެ އެ ފަރާތުގައި އަތުރާފައިވާ ގިނަ އަދަދެއްގެ ގާތައް ވެސް ވަނީ އެ ގޯތީގެ ތެރެއަށް ފައިބައިފަ އެވެ. އަދި އެ މަގުގެ ނަޖިސް ހޮޅިއެއް ވެސް ވަނީ ފަޅައިގެންގޮސްފަ އެވެ.
އެމަގަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތަށް މިހާރު ބަންދު ކޮށްފައިވާ އިރު، ބެޗް ކޮންސްޓުރަކްޝަންގެ އޮފިޝަލް ބުނީ، އެމްއާރުޑީސީ އާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.