03 ޖެނުއަރީ 2018 - 10:55

މިލާން (ޖެނުއަރީ 3) – މެންޗެސްޓާ ޔުނައިޓެޑުގެ ހެންރިކް މިކިތާރްޔަން ގެނެސް، ޖޮއާ މާރިއޯ އެ ޓީމަށް ދޫކޮށްލަން އިންޓަ އިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޓަ އިން 2016 ވަނަ އަހަރުގެ 40 މިލިއަން ޔޫރޯ އަށް ގަތް އުމުރުން 24 އަހަރުގެ ޕޯޗުގަލްގެ މިޑްފީލްޑަރަށް އެ ޓީމުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބެ އެވެ. އަނެއްކޮޅުން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން 2016 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑުން 42 މިލިއަން ޔޫރޯ އަަށް ގަތް މިކިތާރްޔަން އަށް ޔުނައިޓެޑުގައި އަދި ވެސް ހަމަޔަކަށް ނޭޅެ އެވެ. އެ ޓީމަށް އޭނާ ކުޅެދިން 21 މެޗުން ދެ ގޯލް ޖަހައި ހަ ގޯލް ޖަހަން މަގުފަހިކޮށްދީފައިވެ އެވެ.
ދެ ޓީމުން ދެ ކުޅުންތެރިންނަށް ހޭދަކުރި އަގު ގާތްގަނޑަކަަށް އެއްވަރުވާތީއާ އެކު ދެ ޓީމުން ވެސް ދެ ކުޅުންތެރިން ބަދަލުކުރަން އެއްބަސްވާނެ ކަމަށް ބެލެވެ އެވެ.
ޖޮއާ މާރިއޯ އަށް ޕީއެސްޖީން ވެސް ޝައުގުވެރިވާ ކަމަށްވެ އެވެ. އެކަމަކު އިންޓަ އިން ބޭނުންވަނީ މިކިތާރްޔަން ކަމަށް ވުމުން އެ ޓީމުން އޭނާ ދޫކޮށްލާނީ ޔުނައިޓެޑަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.