ވެޓްފޯޑް ބަލިކޮށް ސިޓީ އަށް 15 ޕޮއިންޓުގެ ކުރިއެރުމެއް
ވެޓްފޯޑް ބަލިކޮށް ސިޓީ އަށް 15 ޕޮއިންޓުގެ ކުރިއެރުމެއް

މެންޗެސްޓާ (ޖެނުއަރީ 3) – ވެޓްފޯޑް އަތުން 3-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި މެޗަކުން ބަލިނުވުމުގެ ސިލްސިލާ އަށް ބޮޅެއް އިތުރުކޮށް، ތާވަލުގެ އެއް ވަނައިގައި 15 ޕޮއިންޓުގެ ލީޑެއް މެންޗެސްޓާ ސިޓީން ނަގައިފި އެވެ.

ސިޓީ އެއް ވަނައިގައި 62 ޕޮއިންޓް ހަމަކޮށްގެން އޮތްއިރު ދެ ވަނައިގައި 47 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިން ވަނައިގައި 45 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޗެލްސީ އެވެ. މިރޭ އާސެނަލް އަތުން ޗެލްސީ މޮޅުވެއްޖެ ނަމަ އެ ޓީމު ދެ ވަނަ އަށް އަރައި ސިޓީގެ ލީޑު 14 ޕޮއިންޓަށް ކުޑަވާނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ސިޓީ ކުޅުނު މެޗުގެ އެއް ވަނަ މިނެޓުގައި ރަހީމް ސްޓާލިިން ވަނީ ކުރި ހޯދައިދީފަ އެވެ. ދެ ވަނަ ލަނޑަކީ 13 ވަނަ މިނެޓުގައި ވެޓްފޯޑުގެ ކްރިސްޓިއަން ކަބަސެލޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ތިން ވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. ވެޓްފޯޑުގެ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ޖެހީ އަންދްރޭ ގްރޭ އެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ކުޅުނު 10 ވަނަ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި ދުވަސްވަރުގެ ބިޒީ ޝެޑިއުލްގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ.

ވެޓްފޯޑުގެ ކޯޗު މާކޯ ސިލްވާ ބުނީ ސިޓީން ކުރަމުން އަންނަނީ ފުރިހަމަ މަސައްކަތެއް ކަމަށާއި އެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ޕެޕް ގާޑިއޯލާ އަންނަނީ އޭނާގެ ކޯޗިން ފަލްސަފާ ޕްރިމިއާ ލީގުގައި ވެސް މަސައްކަތްކުރާކަން ދައްކަމުން ކަމަށް އޭނާ ބުންޏެވެ.