ފަސް ކޫރުން
ފަސް ކޫރުން

އާދިއްތަ ދުވަހާ ގުޅޭ

އަޔާޒަކީ ވަރަށް ރުންކުރު މީހެކެވެ. ކުރިން އެ ސިފަ އަހަންނަށް ނުފެނުނީ އަޔާޒުގެ ސައިކަލު ފަހަތަށް އަހަރެން ނާރާތީއެވެ. އަޔާޒާ އެކުގައި ސައިބޯން ނުދާތީއެވެ. ޙަޤީޤަތް އެނގެން ފެށީ އަހަރުމެންގެ އެކުވެރިކަމުގައި ލޯބީގެ ކުލަ ޖެހުމުންނެވެ. ކުއްލި ނިންމުންތައް އަޔާޒު ނިންމާއިރު ގާތުގައި އަހަންނަށް ހުރެވެން ފެށުމުންނެވެ. އެކަމަކު ދުވަހަކު ވެސް އަހަރެންދެކެ އަޔާޒު ރުޅިއެއް ނާދެއެވެ. ވީއިރު އަހަރެން އެ ކަމާ އަޅައިލަންވީ ކީއްވެ ހެއްޔެވެ؟

"ތި ވާހަކައޭ އަހަރެން ވެސް މި ބުނަނީ،" ސަމީރާ ބުންޏެވެ. "ހީވަނީ ހަނާއަކީ އަޔާގެ މަންމަހެން."

އަހަންނަށް ވެސް އެހެން ހީވެއެވެ. އަޔާޒުގެ ހުރިހައި ކަމަކަށް ފާޑުކިޔައި، ހުރިހައި ކަމެއް އިސްލާހުކުރާކަށް އަހަންނަކަށް ނުޖެހޭނެއެވެ. އެއީ މައިންބަފައިންގެ ޒިންމާއެކެވެ. އެހެންނަމަވެސް އުނދަގޫތަކެއް އަހަންނަށް އިހުސާސް ކުރެވުނެވެ.

"އަސްލު ވެސްތަ؟" އަހަރެންނަށް ބުނެވުނެވެ. "މިސާލަކަށް އަހަރެންގެ އެއްޗެއް އަޔާ ވަގަކަށް ނުނަގާ. އެކަމަކު އޭނައަކީ ވައްކަންކުރާ މީހެއްކަން އަހަންނަށް އެނގުނަސް އެ ކަން ކަމަކަށް ނަހަދަންވީއޭތަ ތި ބުނަނީ؟ އޭނަ މީހުން މެރިޔަސް އަހަރެން މަރާލަން ނޫޅެންޏާ އޯކޭއޭ އެއީ މައްސަލައެއް ނޫނޭ. ކިހިނެއް އެހެން ވާނީ؟"

"އެހެނެއް ވެސް ނުވާނެ ދޯ!" ވިސްނައިލައިފައި ސަމީރާ ބުންޏެވެ.

"ނުވާނެއްނު!" އަހަރެން ބުނީމެވެ. "އޭނަޔާ އެއްކޮށް އަހަރެން ސައިކުގަ ދަނިކޮށް، މީހަކު މަގު ހުރަސްކުރާ ގޮތަކުން ވެސް އެ މީހާއަށް ބަވާލަފާނެ. އެންމެ އެއްޗެއް ބުނެލައިފަ ހުއްޓައިލާ ނަމަވެސް ރަނގަޅު. ދެން ހަމަ ބަވާނީ ދެން ހަމަ ބަވާނީ. ވަރަށް އަނގަ ހަޑިވާނެ. ހީވާނީ ހަމަ ޕާރޓޭއެއްހެން. މައިންބަފައިންނާ ވެސް ބެހިލާނެ. ހިތަކަށް ނާރާނެ ސައިކުގެ ފަހަތުގަ އަހަރެން އެބަ އިނޭ ވެސް. އަވަހަކަށް ރުޅި މަޑެއް ވެސް ނުވާނެ. ނުބައި ގޮތަކަށް މީހަކު ސައިކު ޕާކުކޮށްފަ ހުރިއްޔާ އަޔާގެ ސައިކު ނެރެމުން އަނެއް ސައިކުގެ ނަންބަރ ޕްލޭޓް ބިންދައިލަފާނެ. ކިތަންމެ ފަހަރަކު އެހެން ހަދައިފި. ގޭގޭގެ ދޮރުމަތީގަ ހުރަހަށް ޕާކު ކުރުމަކީ އޭނަގެ އާދައެއް. އެކަމަކު އޭނަގެ ގޭގެ ދޮރުމަތީގަ ކާރެއް ޕާކު ކޮށްފަ އޮވެއްޖެއްޔާ ސައިކުގެ ތަޅުދަނޑިން ކާރުގަ ރޮނގުއަޅުވައިނުލައެއް އޭނަ ހިތްހަމައެއް ނުޖެހޭނެ. އެ ހުރިހާ ކަމެއް ވެސް މަށަށް ހަމަ ވަރަށް ކަޑަ."

"ހަނާ އެއްފަހަރު ވެސް އެ ކަން ހުއްޓުވިންތަ؟" ސަމީރާ އެހިއެވެ. "ހަނާއަށް އެ ކަން ކަމުނުދާ ވާހަކަ ބުނިންތަ؟ ނުބުނަންޏަކާ ނޭނގޭނެއްނު."

އަހަރެން ވިސްނައިލީމެވެ. އެ ކަމެއް އަހަރެން ނުކުރަމެވެ. ހިތްހަމަނުޖެހިފައި އިންނަނީއެވެ. ސަމީރާ ބުނީ ތެދެކެވެ. އެ މީހެއްގެ ކަށީގައި ހިފައިފައި ހުރި ކަމެއް އެ މީހަކަށް ގޯހެއް ނުވާނެއެވެ. އަހަރެން ބޭނުންވާ ހުރިހައި ސިފައެއް އެއްވެސް މީހެއްގެ މިޒާޖަކު ނުހުންނާނެއެވެ. އަހަރެން ޖެހޭނީ ނެތް ސިފަތައް ހަރުލައްވާށެވެ. ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.

އަހަރެން ހުރީ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. އެއްދުވަހަކު އަހަރެން ގޮވައިގެން އަޔާޒު އޮފީހަށް ދަނިކޮށް، މަގެއްގެ ކަންމަތީގައި ވާހަކަދައްކަން ތިބި ދެ މުސްކުޅިން ފެނުނެވެ. އެ މީހުން ތިބީ މަގު މެދުގައެވެ. ސައިކަލު އަރާ ހަމަވިއިރު ވެސް އެ މީހުންނަކަށް ރޭކައެއްނުލައެވެ. އަޔާޒު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ކިއި ހުރިހައި އެއްޗެއް އަހަންނަކަށް ނުވެސް އެނގުނެވެ. އެއްކަމެއް ކަށަވަރެވެ. އަޔާޒު ކިއީ ހުތުރު އެއްޗެއްސެވެ. މުސްކުޅި ދެ މީހުން އެއްވެސް އެއްޗެއް ނުބުނެ އެއްފަރާތަކަށް ޖެހިލިއެވެ.

"ރީތިކޮށް ބުނި ނަމަވެސް އެ މީހުން ތަންދެއްކީހެއްނު!" ސައިކަލު ދުއްވައިލުމުން އަހަރެން ބުނީމެވެ. "މުސްކުޅިންނަށް ރެސްޕެކްޓު ކުރަންވާނެ."

"ފަހަތުގަ އިނދެފަ ތިހެން ބުނެލަން ވަރަށް ފަސޭހަވާނެ،" ވަރަށް ރުޅިއައިސްފައި އަޔާޒު ބުންޏެވެ. "އާދެބަލަ ހުންގާނުގަ ހިފާލަން. އޭރުން އެނގޭނީ މާލޭ މަގުމަތީގަ ސައިކަލު ދުއްވުމަކީ ކިހާ ލޭމައްޗަށް ދާ ކަމެއްކަން."

"މަށަކަށް ނުކެރޭނެ ސައިކަލު ދުއްވާކަށް." އަހަރެ ޖަވާބު ދިނީމެވެ.

"ތިހެން ވިއްޔާ ފާޑުފާޑަށް އަނގަނުތަޅާ މަޑުން އިނދޭ!" ވަރަށް ހަރުކަށިކޮށް އަޔާޒު ބުންޏެވެ.

އެ ދުވަހުގެ ފަހުން އަހަރެންދެކެ ވެސް އަޔާޒު އަލިފާން ކަހަލަ ރުޅިއަންނަން ފެށިއެވެ. އޮފީހުގެ ރައްޓެއްސަކާ އެކުގައި އަހަރެން ސަޔަކަށް ދިޔަސް ނިމުނީއެވެ. އެކަމަކު އެ ގޮތަށް ސަޔަށް ދާން ހުއްދަ ދިނީ ވެސް އަޔާޒެވެ. އެ ވަރުން ނިމުނީކީ ނޫނެވެ. ޢާއިލާ މީހުންނާ އެކުގައި ދަތުރު ދިޔަސް ބޮޑު މައްސަލަގަނޑަކަށް ހަދައިލައެވެ. ދަތުރުދިޔުމަކީ ކޮންމެވެސް އެހެން ނިޔަތެއް އޮވެގެން އަހަރެން ކުރާ ކަމަކަށް ވެއެވެ. އެކި މީސްމީހުންނާ އަހަންނާ އަޅުވައިކިޔަފައި ފަހުން މާފަށް ވެސް އެދެއެވެ. ކުރެވުނު ހުރިހައި ކަމަކާއި ކިޔުނު ހުރިހައި އެއްޗަކީ އަޔާޒުގެ ރުޅިގަދަކަމުން ކުރެވުނު ކަންކަމެވެ. އަޔާޒުގެ ކުށެއް ނޫނެވެ. އަހަރެން ޖެހޭނީ އެ ވާހަކަތައް ގަބޫލުކުރާށެވެ. އަހަރެން ވަރަށް ކެތް ކުރީމެވެ. އަހަރު ދުވަސް ކޮށްފައި ރުޅިވީއެވެ.

ދޮންތަޔާ ޖެހިގެން ދެން ހުރި ދައްތަ މީހަކާ އިނެވެ. އަހަންނަށް ވުރެ ހަގަށް ހުރި ކޮއްކޮ ވެސް މީހަކާ އިނެވެ. އެ ދެ ކައިވެނި ވެސް ކުރެވުނީ އަހަރުދުވަސް ތެރޭގައެވެ. އޭރު އަހަރެން މީހަކާ ނީނދެގެން ހީވަނީ އެހެން ކަމެއް ހެންނެވެ. ޢާއިލާގެ އެންމެންނާއި އަހަރެންގެ ހުރިހައި ރައްޓެހިން ވެސް ދައްކަނީ އެ ވާހަކައެވެ. އަހަރެން ވެސް ގަބޫލުކުރަމެވެ. އަހަރެންގެ ކައިވެނި މާ ބޮޑަށް ވެސް ލަސްވެއްޖެއެވެ. އެކަމަކު ކަމުދާ މީހަކު ނުފެންނަންޏާ އަހަރެން ކުރާނީ ކީއްހެއްޔެވެ؟

އަޔާޒާ ރުޅިވިތާ ހައެއްކަ މަސް ފަހުން ހަމްޒާޔާ ދިމާވިއެވެ. ފޭސްބުކް މެދުވެރިކޮށެވެ. ލޯބި ހުށައެޅީ އޭނައެވެ. ހަމްޒާއަކީ މާ ރީތި މީހެއް ނޫނެވެ. އެހެންވިޔަސް ލޯބި ގަބޫލުކުރީމެވެ. ކައިވެނި ލަސްކުރަން ބޭނުން ނުވާތީ އަހަރެންގެ ތިން ޝަރުތުން އެއް ޝަރުތު ވެސް ޤުރުބާން ކުރީއެވެ. ހަމްޒާޔަކީ ވަރަށް އޯގާތެރި، ހިތްހެޔޮ މީހެކެވެ. އޮފީހެއްގައި މަތީ ވަޒީފާއެއް އަދާކުރާ މީހެކެވެ. ކޮންމެ ދުވަހަކު އަހަރެން އޮފީހަށް ގެންގޮސްދެއެވެ. ބައެއް ދުވަސްދުވަހު ވަރަށް ކުރިން ބަލާ އާދެއެވެ. އަނެއްބައި ދުވަސްދުވަހު އަންނަނީ، ކިރިޔާ އޮފީހަށް ދެވޭހާ ވަގުތު އޮއްވައެވެ. އެހެން ވަނީ ކީއްވެގެންކަމެއް ހަމްޒާއަކަށް ބުނެއެއް ނުދެވެއެވެ. އަހަންނާ ބައްދަލުކުރަން ހަމްޒާއަށް ވަގުތު ވަނީ ރޭގަނޑު އެގާރައިގެ ފަހުންނެވެ. އޭގެ ކުރިން ހަމްޒާއަކަށް ވަގުތެއް ނުވެއެވެ.

ހަފުތާއެއް ނުވަނީސް އުނދަގޫ މައްސަލައަކާ ކުރިމަތިވިއެވެ. އަހަރެން ކިތަންމެ ވަރަކަށް ފޯނު ކުރިޔަސް ހަމްޒާ ފޯނު ނަގާނީ އޭނަ ހިތަށްއެރި ފަހަރަކުއެވެ. ފޮނުވާ މެސެޖަށް ޖަވާބުދިނުން ވެސް ހަމަ އެ ފަދައެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭނަ ބިޒީވަނީއެވެ. ފަހުން ހަނދާންނެތެނީއެވެ. ހަމްޒާ ގުޅާ ކޮންމެ ފަހަރަކު އަހަރެން ފޯނު ނަގަމެވެ. ނުނެގިއްޖެ ނަމަ ފަހުން ގުޅަން ހަނދާން ވެސް ހުރެއެވެ. އެއީ ކޮން ކަހަލަ ލޯތްބެއްކަމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންގެ ފޯނު ތަޅެއްނުލަމެވެ. ހަމްޒާ ފޯނު ބެލިޔަސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. ހަމްޒާގެ ފޯނު އޮންނަނީ ތަޅުލައިފައެވެ. ފާސްބަހެއް ވެސް ނުބުންޏެވެ. އެ ކަމަށް ހޭނެން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.

އާދައިގެމަތިން އެއްދުވަހަކު ހަމްޒާޔާ އެކުގައި އޮފީހަށް އައީމެވެ. އެ ދުވަހަކީ ކިރިޔާ ގަޑިޔަށް އާދެވުނު ދުވަހެކެވެ. އަހަރެން ސިޑިން މައްޗަށް އެރިއިރު ލީނާ ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ.

"ކޮންކަމަކާ މަށަށް ތި ލޯއަޅަނީ؟" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ.

"ނުވެސް ބުނަމެއްނު ތީ ހަމްޒާގެ ކޮއްކޮއެކޭ." ލީނާ ބުންޏެވެ.

"ނުބުނާނެތާ!" ގޮނޑީގައި އިށީންނަމުން އަހަރެން ބުނީމެވެ. "އެއީ މަގޭ ބިޓު ވިއްޔަ!"

ލީނާއަށް ލިބުނީ ޝޮކެކެވެ. އޭނައަކަށް ގަބޫލެއް ނުކުރެވުނެވެ.

"ސީރިޔަސްކޮށް ބުނެބަލަ!" ލީނާ އެދުނެވެ. "ބޭބެއެއް ދޯ؟"

"އަޖައިބެއް ނުވާނެ،" ޗޮކެއްކަނޑައިފައި އަހަރެން ބުނީމެވެ. "ކީއްކުރަންތަ ލީންއަށް އަހަރެން ދޮގުހަދަންވީ؟ އަހަރެންގެ ބިޓޭ އެއީ."

ލީނާ އެއްޗެއް ނުބުނެ ވިސްނަން ހުއްޓެވެ. އަހަރެން ފޯނު ދައްކައިލީމެވެ. ހަމްޒާއާއި އެކުގައި އަހަރެން ނަގައިފައިވާ ފޮޓޯތަކަށް ލީނާ ބެލީ ހައިރާންކަމާ އެކުގައެވެ.

"ކިހާ ދުވަހެއް ވެއްޖެ ރައްޓެހިވެގެން އުޅޭތާ؟" ލީނާ އެހިއެވެ.

"ދެތިން މަސް ވެދާނެ. ކިހިނެއްވީތަ؟" އަހަރެން ބުނީމެވެ.

"އެކަމަކު ގުރޭ ބުނި ހަމްޒާޔަކީ އޭނަގެ ބިޓޭ." ލީނާ ބުންޏެވެ.

އަހަރެންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ހީވީ ތޫނު އެއްޗެއް ހިތަށް ހަރައިލިހެންނެވެ.

"ހަމްޒާ ބަރާބަރަށް ގެޔަށް ވެސް އާދޭ!" ބުނަންނުބުނަން އުޅެފައި ލީނާ ބުންޏެވެ. "ކިތަންމެ ދުވަހަކު އަހަންނާ ވެސް ދިމާވެއްޖެ! އެކަމަކު ހަމްޒާޔަކަށް ނޭނގޭނެ އަހަރެން އުޅެނީ ކޮން އޮފީހެއްގަކަމެއް."

ގުރޭޝާއަކީ ލީނާގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ލީނާ ލަފާކުރި ގޮތުގައި ގުރޭޝާއާއި ހަމްޒާގެ ގުޅުމަށް އަށެއްކަ މަސް ވެއްޖެއެވެ. ގުރޭޝާ އޮފީހަށް ގެންގޮސްދެނީ ހަމްޒާއެވެ. ބައެއް ދުވަސްދުވަހު ބަލައި ވެސް އާދެއެވެ. ނުވާތާކަށް ހަމްޒާ ކައިވެނި ވެސް ހުށައަޅައިފިއެވެ. ގުރޭޝާގެ މައިންބަފައިން ވަކި ގޮތެއް ނުނިންމާތީ ކައިވެނި ލަސްވެފައި އޮތީއެވެ. އެ ވާހަކަތައް ގަބޫލުކުރަން އަހަރެންނަކަށް އުނދަގުލެއް ނުވިއެވެ. ހަމްޒާ ފޯނު ނުނަގަނީ ގުރޭޝާ ގާތުގައި އިންނަ ވަގުތުތަކުގައެވެ. އަހަރެން ބަލާ މާ އަވަހަށް ނުވަތަ މާ ލަހުން އާދެވެނީ ގުރޭޝާ ވެސް އެ ގަޑިއަށް އޮފީހަށް ގެންދާތީއެވެ. ރޭގަނޑު އެގާރައިގެ ކުރިން ހަމްޒާއަށް ވަގުތު ނުވަނީ ގުރޭޝާއަށް ވަގުތު ދޭންޖެހޭތީއެވެ. ހިސާބުހަދައިލުމުން ޖަވާބުތައް ބަރާބަރަށް ދިމާވެއެވެ. އަހަރެންގެ ލޮލުން ކަރުނައެއް ނާދެއެވެ. އެހެންނަމަވެސް ހިތުގަޖެހުނެވެ. އަހަރެންގެ ލޯ އެ ވަރުގެ ބޮޑު ކެއްސެއް އަހަންނަށް ދިނީތީއެވެ. އޯގާތެރި، ހިތްހެޔޮ މީހެއްގެ ސިފައިގައި ހަމްޒާ ފެނުނީތީއެވެ. ދެވަނަ ލޯބީގެ ހުޅުކޮޅު ކަނިވެ، ފިޔަޖަހައިލި މަންޒަރު އަހަރެންގެ ލޯމައްޗަށް ފެނުނު ކަހަލައެވެ.

"ހަމްޒާ ތި ގޭގަ އިންދާ އަހަންނަށް ގުޅާބަލަ!" އަހަރެން ބުނީމެވެ. "އަހަރެން ބޭނުން ރެޑްހޭންޑްކޮށް ހިފަން."

"ހަނާއަށް ކެތްވާނެ؟" ލީނާ އެހިއެވެ.

"އާނ!" ވަރަށް ހިތްވަރާ އެކުގައި އަހަރެން ބުނީމެވެ. "ހިތް ދޭން ކެރެންޏާ ހިތް ބަލާދާން ވެސް ކެރޭނެ."

ނުނިމޭ