04 ޖެނުއަރީ 2018 - 07:01

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާން ،34، އަށް ފިރިހެން ދަރިއަކު ލިބިއްޖެ އެވެ.
ސިޒޭރިއަނަކަށް ދާން ނުޖެހި ޖެނުއަރީ 1، ގައި ސުނީދީ ވިހޭއިރު، ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިއްސި ޑޮކްޓަރު ބުންޏެވެ.
ހިތޭޝް ސޯނިކް އާއި ސުނީދީ ކައިވެނިކުރީ 2012 ގަ އެވެ.
ސުނީދީ އަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެކެކެވެ. ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާރު މަސައްކަތްކުރާ ހުރިހާ ބަތަލާއިންނަކަށް ކަހަލަ ގޮތަކަށް ސުނީދީ ވަނީ ލަވަ ކިޔައިދީފަ އެވެ.
ސުނީދީއަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާ އަކީ މޮޅު ޕާފޯމަރެކެވެ. ސްޓޭޖްތަކުގައި އޭނާ ދޭ ޕާފޯމަންސްތަކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެ އެވެ. އުމުރުން ހަތަރު އަހަރުން ފެށިގެން ސުނީދީ ވަނީ ސްޓޭޖްތަކުގައި ޕާފޯމް ކުރަން ފަށައިފަ އެވެ.
އޭނާ ހިންދީ ފިލްމު އިންޑަސްޓްރީ އަށް ނުކުތީ އުމުރުން އެންމެ 13 އަހަރުގައި ފިލްމު "ޝަސްތުރާ" އަށް ކިޔައިދިން ލަވައަކުންނެވެ. ހަމަ އެެ އަހަރު އޭނާ ވަނީ ލަވަކިޔުމުގެ ރިއަލިޓީ ޝޯ "މޭރީ އާވާޒް ސުނޯ" ކާމިޔާބުކޮށްފަ އެވެ.
މިހާތަނަށް އެތައް ސަތޭކަ ލަވައެއް ކިޔައިދީފައިވާ ސުނީދީ ވަނީ "އިންޑިއަން އައިޑޮލް"ގެ ބައެއް ސީޒަންތަކުގައި ޖަޖެއްގެ ގޮތުގައި ވެސް ފެނިފަ އެވެ.