ސޮނާކްޝީ އިސްކަން ދެނީ އެކްޝަން ފިލްމުތަކަށް
ސޮނާކްޝީ އިސްކަން ދެނީ އެކްޝަން ފިލްމުތަކަށް

ސޮނާކްޝީ ސިންހާ 2016 ގައި ކުޅުނު އެކްޝަން ފިލްމު "އަކިރާ" އަށް ބޮކްސް އޮފީހުގައި ކާމިޔާބެއް ނުލިބުނަސް އޭނާ އަދިވެސް ބޭނުންވަނީ އެކްޝަން ފިލްމުތައް ކުޅޭށެވެ. "އަކިރާ" ނުހިނގީ ބެލުންތެރިންނަށް ފިލްމު ކަމުނުގޮސްގެންނެވެ. ނަމަވެސް އެކްޝަން މަންޒަރުތައް ކުޅުމުގައި އޭނާ އަށް ލިބިފައިވާ ހުރިހާ ހުނަރެއް ބޭނުންކޮށްގެން އެ ޒާތުގެ އިތުރު ފިލްމެއް އުފައްދަން ސޮނާކްޝީ ބޭނުމެވެ.

މިދިޔަ އަހަރު ސޮނާކްޝީ ފެނުނީ، އެހެން އަހަރުތަކަށް ވުރެން މާ ހިކިފައި އަދި ފިޓްކޮށް ހުއްޓަ އެވެ. އެހެންކަމުން އެކްޝަން މަންޒަރުތައް މިހާރު މާ ފުރިހަމައަށް އަދި ބެލުންތެރިންނަށް ކަމުދާ ގޮތަކަށް ކުޅެލެވިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ސޮނާކްޝީ ކުޅެން ހަމަޖެހިިފައިވާ "ދަބަންގް 3" ގައި އޭނާ އަށް އެކްޝަން ރޯލެއް ދިނުމަށް އެ ފިލްމުގެ ޑައިރެކްޓަރު އަރްބާޒް ޚާން ގާތުގައި ސޮނާކްޝީ އެދުނެވެ. "ދަބަންގް 3" އަދި އޮތީ ސްކްރިޕްޓް ލިޔުމުގެ މަރުހަލާގައި ކަމުން ސޮނާކްޝީ ބޭނުން ގޮތަށް އޭނާ އަށް އެކްޝަން ރޯލެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

"ދަބަންގް 3" ގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ ސަލްމާން ޚާން މިހާރު ކުޅެމުންދާ "ރޭސް 3" އާއި އިތުރު ފިލްމެއްގެ ޝޫޓިން ނިމުމުންނެވެ.

ސޮނާކްޝީގެ އެންމެ ފަހުން ނުކުތީ "އިއްތިފާގް" އެވެ. ފިލްމަށް އެވްރެޖް ވަރެއްގެ ކާމިޔާބެއް ވަނީ ލިބިފަ އެވެ. އޭގެ ފަހުން އޭނާ އަދި އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ.