02 ޖެނުއަރީ 2018 - 23:57

ރިޔާސީ އިންތިހާބުގައި ވޯޓު ލާއިރު، ވެރިއަކު ހޮވަން ފަސޭހަ ތިން ގޮތެއް ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްވި ފޯމިއުލާގައި ވެސް ކުރި ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީން ފާހަގަ ކުރެއްވި ތިން ކަންތައްތަކުގައި ވެސް، ރަސްގެ ލާން ޖެހެނީ ވޯޓު ކަރުދާހުގައި އޮންނަ އެ މަނިކުފާނުގެ ނަންފުޅާ ދިމާލުގައި ކަމަށެވެ.
މިދިޔަ މަހު ފަހުކޮޅު އުތުރުުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅެއްގައި، ޅ. ހިންނަވަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވެރިއަކު ހޮވުމުގެ ކުރިން ވިސްނަން ޖެހޭނެ ތިން ކަމެއް ފާހަގަކޮށްދެއްވާފަ އެވެ. އެއީ ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކުގެ ސަބަބުން ދީނީ އަގީދާގެ މަތީގައި ތިބެވިދާނެތޯ އާއި ބުއްދި އަށް ގަބޫލު ކުރެވޭ ވާހަކަ ދައްކާ މީހަކަށް ވޭތޯ އާއި ދައްކާ ވާހަކަ އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ވަރުގެ ތަޖުރިބާއަކާއި އިލްމެއް ހުރި މީހަކަށް ވުމެވެ.
ވޯޓުލުމުގެ ކުރިން މި ތިންކަމަށް ވިސްނައި، އެ ނޫން މީހެއްގެ ނަން ވޯޓު ކަރުދާހުގައި އޮވެއްޖެ ނަމަ ރަސްގެލާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދީނީ ކާޑުގައި ރަސްގެފާހަގަ ލާންވީ ރައީސް ޔާމީންގެ ގޮޅީގައިތޯ ނޫނީ ނަޝީދުގެ ގޮޅީގައި ތޯ ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، އާ އަހަރު ފާހަގަ ކުރުމަށް އިއްޔެ ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޝޯގައި ނިވާކަން ކުޑަ ހެދުންލައިގެން ނެށުމާއި އާޓް ގެލަރީގައި އާއި ރިސޯޓެއްގައި، ބަރަހަނާކޮށް ހުރި އަންހެނެއްގެ ގައިގާ ކުރެހި އިރު ވެސް އެކަން މައްސަލައަކަށް ނުވުމާއި ސިޔާސީ މަންފާ ހޯދުމަށް ދީން ބޭނުންކުރުން ފަދަ ކަންކަން ފާހަގަ ކުރެއްވުމަށް ފަހު އެވެ.
ބުއްދި ގަބޫލު ކުރެވޭ ވާހަކަ ދައްކާ މީހަކަށް ވުމާ ގުޅޭގޮތުން ރައީސް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ ނަޝީދު ސަރުކާރުގައި "ފްލެޓް ދޮންބެ"އަށް މީހުން ހަޖޫ ޖެހި ކަމަށާއި އެކަމަކު ފްލެޓް އެޅޭނެކަން އެ މަނިކުފާނު ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި އެކަނިވެރި މައިންނާއި ދުވަސްވީ މީހުންނަށް މާލީ އެހީތެރިކަން ދޭން ވިސްނެވުމުން، އެކަމަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން މަލާމާތް ކުރި ކަމަށާއި އެއީ ބުއްދި ގަބޫލު ނުކުރާ ކަމަކަށް އޭރުވި ކަމަށެވެ. ނަމަވެސް އެއީ ވެސް އެ މަނިކުފާނު ހަގީގަތަކަށް ހައްދަވައިދެއްވި ކަންތައްތަކެއްކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.
"އެކަމަކު އަޅުގަނޑު ބުއްދި ގަބޫލެއް ނުކުރޭ އެމްއެމްޕީއާރުސީން އެއް ބިލިޔަން ދެ ބިލިޔަން ވަގަށް ނަގާފައި، އެއިގެން އެއް މިލިޔަން ޑޮލަރު ރައީސްގެ އަމިއްލަފުޅު އެކައުންޓަށް ދިޔައިރު، އެ ފައިސާ ދިޔަތަނެއް ނޭނގޭ ކަމަށް ވިދާޅުވުން. ސިފައިންނާއި ފުލުހުންގެ މަތީ އޮފިސަރުންނަށް އިތުބާރެއް ނުކުރެވެއޭ އެއީ ވަރަށް ކޮރަޕްޓް ބައެކޭ ވިދާޅުވެފައި ހަމަ އެތަނުގައި ގެންގުޅުން އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ،" ޝާހިދު ވިދާޅުވި އެވެ.
"ބުއްދީގެ މައްސަލައިގައި އަމިއްލަފުޅަށް ވެސް ވިދާޅުވެފައިވޭ ތިމަން މަނިކުފާނުގެ ބުއްދި ހިސާބަކަށް ގޯސްވެފައިވާ ވާހަކަ"
ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަ ކުރެއްވި، ލީޑަރުންގެ ތަޖުރިބާ އާއި އިލްމުގެ ވާހަކައަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ އެ މަނިކުފާނަކީ ވަރަށް ގިނަ ކަންކަމުގައި އިންތިހާއަށް ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށާއި އެކަމަކު އެ ތަޖުރިބާ ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށެވެ. އަދި އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަންގެ ތަޖުރިބާ މާބޮޑުވުމުން މިހާރު ރައްޔިތުން ބޭނުންވަނީ އިހުލާސްތެރި، އަމާނާތްތެރި ވެރިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ރައީސް ޔާމީން ފާހަގަ ކުރެއްވި އެ ތިން ކަންތައްތަކުގައި ވެސް، ރަސްގެފާހަގަ ލާން ޖެހޭނީ އެ މަނިކުފާނުގެ ނަންފުޅާ ދިމާލުގައިކަން ޝާހިދު ވިދާޅުވި އެވެ.