ފާރިސަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ފާރިސަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތު ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސަށް އުފުލާފައިވާ ދައުވާގަ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ހަމަޖެއްސީ ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމެވެ. އޭނާގެ ފަރާތުން ޖުމްލަ 23 ހުށަހެޅުމެއް ހުށަހަޅަން ނިންމާފައިވާއިރު މިހާތަނަށް ހުށަހަޅައި، ނިމުނީ 16 ހުށަހެޅުމެކެވެ. ފާރިސްގެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމަށްޓަކައި މީގެ ކުރިން ދެ ތިން އަޑުއެހުމެއް ބާއްވާފައިވެ އެވެ.

އެ މައްސަލާގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ފާރިސްގެ ފަރާތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި ވިޔަސް އެ މައްސަލައިގެ ހުކުމެއް އަދި ނީއްވަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސް އަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި އޭނާގެ މައްޗަށް ގެއްލޭނެ އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.