02 ޖެނުއަރީ 2018 - 15:08

ތެހެރާން (ޖެނުއަރީ 2) - އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ފެށި މުޒާހަރާތަކުގައި ފުރަތަަމަ ތިން ދުވަސްތެރޭ ވެރިރަށް ތެހެރާނުން އެކަނި 450 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
"ހޮނިހިރު ދުވަހު ވަނީ 200 މީހުން، އާދިއްތަ ދުވަހު 150 މީހުން އަދި ހޯމަ ދުވަހު ވަނީ 100 މީހުން ހައްޔަރުކޮށްފައި،" ތެހެރާނުގެ ގަވަރުނަރު އޮފީހުގެ ނައިބު އަލީ އަސްގަރު ވިދާޅުވި އެވެ.
މިިދިޔަ ބުރާސްފަތި ދުވަހު ތެހެރާނުގައި ހަމަނުޖެހުންތައް ފެށި ނަމަވެސް އެހެން ސިޓީތަކުގައި މިހާރު ވަނީ މުޒާހަރާތައް ވަރުގަދަކޮށްފަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ ވެރިރަށުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި ހަމަނުޖެހުންތައް ކުރިއަށްދާ ނަމަ އެކަން ވަރަށް އަވަހަށް ހުއްޓުވާނެ ކަމަށެވެ. ވޭތުވެދިޔަ ފަސް ދުވަހުގެ މުޒާހަރާތަކުގައި މިހާތަނަށް ވަނީ 15 މީހުން މަރުވެފަ އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ އިއްޔެ ވިދާޅުވެފައި ވަނީ މުޒާހަރާ ކުރުމަކީ ބިރެއް ނޫން ކަމަށާއި އެކަމަކު އެއްވެސް ބަޔަކު ހަމަނުޖެހުން ހިންގައިގެން ނުވާނެ ކަމަށެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ގުޅިގެން އީރާނުގައި މުޒާހަރާތައް ފެށީ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގަ އެވެ.