12 ޖުލައި 2016 - 05:31

ސެލްފީ އެލްބޯ ކިޔާ މުޅިން އާ ސިއްހީ މައްސަލައެއް އުފަން ވެއްޖެ އެވެ.
މީގެ ކުރިން ފެންނަނީ ޓެނިސް އެލްބޯ އާއި ގޮލްފާ އެލްބޯ އެވެ. މިއީ މިފަދަ ކުޅިވަރުތައް އާއްމުކޮށް ކުޅޭ މީހުންގެ ޓެންޑަންސްތައް ދުޅަވެގެން އެފަދަ މީހުން އިހްސާސްކުރާ ތަދެކެވެ.
ނަމަވެސް މިފަހަކަށް އައިސް ފެންނަމުންދަނީ ސެލްފީ އެލްބޯ އެވެ. ސެލްފީ ނެގުމަށް ދެވި ހިފައި، އަމިއްލައަށް އަރިއަރިއަށް ގޮތްގޮތަށް ފޯނުން ސެލްފީ ނެގުން އިތުރުވެ އަތާއި އުޅަނބޮށި ފަދަ ތަންތަން މަސްގުޅަކައި ހަރުވެ އަދި ބައެއް ފަހަރަށް ހަރަކާތް ނުކުރެވޭ ދަރަޖައަށް ދިއުމަކީ "ސެލްފީ އެލްބޯ" އެވެ.
އިންސާނާގެ އަތަކީ ސެލްފީ ނެގުމަށް ފަރުމާ ކުރެވިފައިވާ އެއްޗެއް ނޫން ކަމަށް ބަލަމާ ހިނގާށެވެ. އެހެން ބުނަން ޖެހެނީ އިންސާނުން ކުރަން ޖެހޭ އެއްވެސް ކަމަކީ އަތް ދެމޭ އެންމެ ދުރަކަށް ދަމައިގެން ލިގަމެންޓަށް ބާރުބޮޑުވާ ވަރަށް ކުރަންޖެހޭ ކަންކަމަށް ނުވާތީ އެވެ.
ސެލްފީ ނަގާއިރު އަތް ދަމާފައި އަތްތިލަ މޫނާ ދިމާލަށް އަނބުރައި އަތުގެ ބޮޑުވާއިނގިލިން ސްކްރިނުގައި ފިއްތުމަށްޓަކައި އެ އިނގިލި ވެސް އަސްލު އިންނަ ގޮތަށް ނޫން ގޮތަކަށް އަނބުރާލަ އެވެ. އަދި މީހާގެ މޫނު ފޮޓޯގެ ފްރޭމަށް ފިޓްކުރުމަށްޓަކައި ކަނދުރާ ވެސް އަނބުރާލަ އެވެ.
މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ޒުވާނުން އުޅަނބޮށީގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުން އިތުރުވުމުން އިންޑިޔާގެ ކަލްކަތާގެ ޑޮކްޓަރުން ތިބީ ވާނުވާ ނޭނގިފަ އެވެ. އާއްމުކޮށް މިގޮތަށް ރިއްސަނީ އަތުން ކުޅޭ ކުޅިވަރުތައް ކުޅޭ މީހުންނަށް ކަމަށް ވެފައި ކުޅިވަރު ނުކުޅޭ ޒުވާނުންނަށް މިފަދަ ކަމެއް ދިމާވަނީ ކީއްވެގެންކަން ފުރަތަމަ ނޭނގުނު ނަމަވެސް އެކަން ވިސްނާލަން ޑޮކްޓަރުންނަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވި އެވެ. މިއީ ސެލްފީގެ ވާދަވެރިކަމުގައި ކުރިމަތިވާ މައްސަލައެއްކަން ޑޮކްޓަރުން މިހާރު ވަނީ ޔަގީންކޮށްފަ އެވެ.
ކަލްކަތާގެ ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި އެ ހިސާބުގައި އެކަނިވެސް މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ ތެރެއިން 25 ޕަސެންޓް މީހުންނަށް ވަނީ ސެލްފީ އެލްބޯ ޖެހިފަ އެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.