02 ޖެނުއަރީ 2018 - 15:26

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެއްވެސް ޕްރައިމަރީއެއްގައި ވާދަނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޝާހިދު ވާދަކުރައްވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް، އޭނާ އަށް އެ ޕާޓީގެ ބައެއް މީހުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. މި ފާޑުކިއުންތައް ސޯޝަލް މީޑިއާއާ ހަމައަށް ތިލަވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން ޕާޓީން ކުރާ މަސައްކަތަށް ވެސް އޭނާ ހުރަސްއަޅުއްވާ ކަމުގެ ތުހުމަތު މިއަދު ވަނީ ކޮށްފަ އެވެ.
އޭގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ 15 މެމްބަރަކު ވެސް ޝާހިދާ ބައިއަތު ހިފައިފި ކަމަށް އެ ޓްވީޓްގައި ތުހުމަތުކޮށްފައިވެ އެވެ.
މި ޓުވީޓުގައި ޝާހިދަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތައް ދޮގުކުރައްވައި ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ސާބިތުކަމާ އެކު އޭނާ ހުންނެވީ ނަޝީދުއާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވާދަކުރައްވާ ޕްރައިމަރީއެއްގައި އަދި އެހެން ކަމަކަށް ވެސް އަޅުގަނޑު ކުރިމައްޗެއް ނުލާނަން،" ޝާހިދު ވިދާޅުވި އެވެ.
"ﷲގެ ހެޔޮ ރަހުމަތްފުޅުން 2018 ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ. އަޅުގަނޑުމެންގެ ސަފުތައް ރޫޅާލުމަށް ކުރާ މަސައްކަތް ވާނީ ނާކާމިޔާބު."
"މިހާރު"އާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދު މިނިވަންކުރަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އޭނާ ކަމަށެވެ. އެ މަސައްކަތުގައި ކާމިޔާބީތަކެއް ވެސް ލިބިފައިވާއިރު، އަދިވެސް އޭނާ ދެމިހުންނެވީ އެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީ ބައިބައިކޮށްލަން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ "މަޅީގައި ޖެހިއްޖެ ނަމަ" ސަފުތައް ރޫޅި ޕާޓީ އަށް ދެރަ ގޮތްތަކެއް މެދުވެރިވެދާނެ ކަމަށް ވިދާޅުވެ، ހުރިހާ މެމްބަރުން ވެސް ސާބިތުވެ ތިބުމަށް ޝާހިދު އެދިވަޑައިގެންނެވި އެވެ.
ޝާހިދަށް ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި މިކުރީ، ރާއްޖެ ޓީވީގެ ޕޯލުގައި ނަޝީދުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރި ހޯއްދެވުމުން، ދެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ހޫނު ޒުވާބެއް ފަށާފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރަން އެންމެ އެކަށީގެން ވަނީ ކޮން ބޭފުޅެއްތޯ ބަލަން ނެގި ޕޯލުގައި ގާސިމަށް 43 ޕަސެންޓް ވޯޓު ލިބުނުއިރު، ނަޝީދަށް ލިބުނީ 25 ޕަސެންޓެވެ.