ބްރެޒިލްގެ ޖަލެއްގައި ހިންގި ހަމަނުޖެހުމުގައި ނުވަ މަރު
ބްރެޒިލްގެ ޖަލެއްގައި ހިންގި ހަމަނުޖެހުމުގައި ނުވަ މަރު

ސައޮ ޕޯލޯ (ޖެނުއަރީ 2) - ބްރެޒިލްގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ ގޮއިއަސްގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކުގައި ނުވަ މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޮފިޝަލުން ބުނީ ހަމަނުޖެހުންތައް ފެށުނީ ޖަލުގައި ގޭންގަކުން ކޮންޓްރޯލް ކުރާ ޔުނިޓަކަށް އެހެން ގޭންގެއްގެ ބަޔަކު ހަތިޔާރާ އެކު ވަނުމުން ކަމަށެވެ. ޔުނިޓުގައި ބަޑި ޖަހަން ފެށުމުން 100 އަށް ވުރެ ގިނަ މީހުން ވަނީ ފިލައިފަ އެވެ. މީގެ ތެރޭން 30 މީހުން ވަނީ އަތުލައިގެންފަ އެވެ. ފުލުހުން ބުނީ މާގިނައިރެއް ނުވެ ޖަލުގެ ހާލަތު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

ބްރެޒިލްގެ ޖަލުތަކުގައި ހަމަނުޖެހުން ހިންގުމަކީ އާއްމު ކަމެކެވެ. ބްރެޒިލްގެ ޖަލުތަކުގައި ކުށްވެރިން ގިނަވުމުގެ އިތުރުން ގައިދީން ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަކަށް ސްޓާފުންނެއް ވެސް ނުތިބެ އެވެ. އެންމެ ފަހުން ހަމަނުޖެހުން ހިންގި ޖަލުގައި 900 ގައިދީން ތިބި އިރު އެ މީހުން ބަލަހައްޓަން ތިބީ ފަސް މުވައްޒަފުންނެވެ.

ދުނިޔޭގައި ޖަލުގެ އާބާދީ އެންމެ ބޮޑު ގައުމަކީ ވެސް ބްރެޒިލް އެވެ. ގައިދީންގެ ބާރުގަދަވެ ޖަލުތަކަށް ޑްރަގާއި މޯބައިލް ފޯނާއި ހަތިޔާރު ވެއްދުމަކީ އާއްމު ކަމެކެވެ.