ފާރިސްގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅަން ނިންމައިފި
ފާރިސްގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅަން އޭނާގެ ވަކީލުން ނިންމައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަން ފާރިސްގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށް ދިނެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހަޅާނެ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި ވިޔަސް، ހުކުމެއް އަދި ނީއްވަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާރިސްގެ ވަކީލުން ކުރިން ވަނީ ފާޅުކޮށްފަ އެވެ. އަދި އެކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ވެސް ވަކީލުން ވަނީ ހުށަހަޅައިފަ އެވެ.

އދ. ގެ ވޯކިން ގްރޫޕަށް ފާރިސްގެ މައްސަލަ ހުށަހަޅަން ނިންމިއިރު ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި މީގެ ކުރިން އެ ގްރޫޕުން ނިންމި ނިންމުންތައް ސަރުކާރުން ގަބޫލު ކޮށްފައެއް ނުވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމްގެ މައްސަލާގައި އެ ބޭފުޅުންނާ އެއްކޮށް ވޯކިން ގްރޫޕުން ނިންމި ނިންމުން ސަރުކާރުން ގަބޫލެއް ނުކުރެ އެވެ.

ސަރުކާރުން އޭރު ބުނެފައިވަނީ ވޯކިން ގްރޫޕްގެ ނިންމުންތަކަކީ އެއަށް އަމަލު ކުރުން ލާޒިމްވާ ނިންމުންތަކެއް ނޫން ކަމަށެވެ.