ވަކީލް ނޫރުއްސަލާމް ޖޭޕީއާ ގުޅިވަޑައިގެންފި
ވަކީލް ނޫރުއްސަލާމް ޖޭޕީއާ ގުޅިވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރުއްސަލާމް އަބޫބަކުރު އެ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވުމަށް ފަހު، މިހާރު ދިފާއީ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ނޫރުއްސަލާމަކީ ގާސިމް މައްސަލައިގެ އިތުރުން ބޮޑެތި ޖިނާއީ މައްސަލަތަކެއްގައި މިހާރު ވެސް ވަކާލާތު ކުރައްވާ ވަކީލެކެވެ.

ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ނޫރުއްސަލާމް ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތަކުގައި ވެސް ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވައިފަ އެވެ. ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރި މައްސަލާގައި ވެސް ދައުލަތުގެ ވަކީލުންގެ ޓީމުގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ.

ނޫރުއްސަލާމްގެ އިތުރުން އިތުރު ދެ ވަކީލަކު ވެސް ޖުމްހޫރީ ޕާޓީއާ މިއަދު ވަނީ ގުޅިވަޑައިގެންފަ އެވެ. އެއީ އަލީ އަބްދުއްލަތީފާއި ވަލީދު އިބްރާހިމް މަނިކެވެ. އެ ތިން ވަކީލުން ވެސް އެ ޕާޓީއާ ގުޅުނީ ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.