މިދިޔަ އަހަރު ކުށް މަދު، ނަމަވެސް ހަ މަރު
މިދިޔަ އަހަރު ކުށް މަދު، ނަމަވެސް ހަ މަރު

ނިމިދިޔަ 2017 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅައިބަލާއިރު މަދު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރު 13،580 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 12،745 މައްސަލަ އެވެ.

މައްސަލަތައް ހުށަހެޅުނު ނިސްބަތް މަދު ނަމަވެސް މިދިޔަ އަހަރު ވަނީ ރަހުމު ކުޑަކޮށް ހަ މީހަކު މަރާލައިފަ އެވެ. ދެ ހާސް ސޯޅަ ވަނަ އަހަރު ވެސް ވަނީ ހަ މީހުން މަރާލައިފަ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 3،503 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު އެކްސިޑެންޓްގެ 2،105 މައްސަލަ ހުށަހަޅާފައިވެ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 2،038 މައްސަލަ އެވެ.

އެ ހުރިހާ މައްސަލަތަކެއް ވެސް ވަނީ 2016 ވަނަ އަހަރާ އަޅައިބަލާއިރު ހުށަހެޅުނު މިންވަރު ދަށްވެފަ އެވެ.