02 ޖެނުއަރީ 2018 - 11:29

ވޮޝިންޓަން (ޖެނުއަރީ 2) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އަހަރު ކުރެއްވި ފުރަތަމަ ޓްވީޓުގައި ޕާކިސްތާނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ ބޭރުގެ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ޕާކިސްތާނުން ހޯދައިގެން އެ ގައުމުން ދޮގާއި މަކަރު ހަދަމުންދާ ކަމަށެވެ. ޓްރަމްޕުގެ ޓްވީޓަށް ޕާކިސްތާނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެއީ އަފްޣާނިސްތާނުގައި އެމެރިކާ އަށް ނާކާމިޔާބުވުމުން ޓްރަމްޕް ބާއްލުއްވާ ރުޅި ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.
އިސްލާމްއާބާދަށް ދޭނެ ކަމަށް ބުނި 250 މިލިއަން ޑޮލަރު އެމެރިކާ އިން އަދިވެސް ދަނީ ހިފަހައްޓަމުންނެވެ. ނިއު ޔޯކް ޓައިމްސް އިން ބުނީ އެ ފައިސާ ހިފަހައްޓަން އެމެރިކާ އިން މަސައްކަތް ކުރަނީ ޓެރަރިސްޓް ގްރޫޕްތައް ހުއްޓުވުމުގައި ޕާކިސްތާނުގެ އެއްބާރުލުން ކުޑަވުމުގެ ސަބަބުން ކަމަށެވެ.
ޓްރަމްޕުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ އެހީގެ ގޮތުގައި އެމެރިކާ އިން ޕާކިސްތާނަށް 33 ބިލިއަން ޑޮލަރު ދީފި ކަމަށާއި ބަދަލުގައި ލިބުނު އެއްޗަކީ ދޮގާއި މަކަރު ކަމަށެވެ. އަދި ޕާކިސްތާނުން ހީކުރަނީ އެމެރިކާގެ ވެރިންނަކީ މޮޔައިން ކަމަށާއި އަފްޣާނިސްތާނުން ހޯދަން ބޭނުންވާ ޓެރަރިސްޓުންނަށް ޕާކިސްތާނުން ހިމާޔަތް ދޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕަށް ރައްދު ދެއްވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ އެމެރިކާ އިން ދިން ކޮންމެ އެހީއެއްގެ ތަފްސީލް ހާމަކުރަން ޕާކިސްތާނުން ތައްޔާރު ކަމަށެވެ.
ޓްރަމްޕުގެ ޓްވީޓަށް ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން އެމެރިކާ ސަފީރު ޑޭވީޑް ހޭލް އިއްޔެ ވަނީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.