03 ޖެނުއަރީ 2018 - 08:36

މި އަހަރު ފްރާންސްގެ ވެރިރަށް ޕެރިސް އާއި އިޓަލީގެ ނޭޕްލްސްގައި މުޅިން އާ ދެ ރެސްޓޯރަންޓް ހުޅުވުމުގެ މަސައްކަތް އިޓަލީގެ މަޝްހޫރު ޝެފެއް ކަމަށްވާ މަސީމޯ ބޮޓޫރާ ފަށައިފި އެވެ. ނަމަވެސް މުއްސަނދި މީހުންނަކަށް މި ރެސްޓޯރަންޓްތަކުން މަރުހަބާއެއް ނުކިޔާނެ އެވެ. މިއީ ހަމައެކަނި ފަގީރުންނަށް ހިލޭ ކާންދޭން ހުޅުވާ ރެސްޓޯރަންޓްތަކެކެވެ. މިތަނުގައި ކައްކަނީ ހަލާކުވާން ކައިރިވުމުން ފިހާރަތަކުން ދޫކޮށްލާ އެއްޗިއްސެވެ.
އިޓަލީގެ އުތުރުގައި އޮންނަ މޮޑޭނާގައި ހުންނަ ބޮޓޫރާގެ މަޝްހޫރު ރެސްޓޯރަންޓުން އެންމެ މީހަކު އެއް ފަހަރު ކެއުމަށް 250 ޔޫރޯ ޚަރަދުވެ އެވެ. މިލާންގައި މިހާރު ވެސް އޭނާ ހިންގާ ރަފެޓޯރިއޯ އެމްބްރޮސިއާނޯ ރެސްޓޯރަންޓުން ފަގީރުންނަށް ކާން ދެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ވަންނާނެ ގެދޮރެއް ވެސް ނެތް ވަރަށް ނިކަމެތި މީހުންނެވެ. އެހެންވެ ޚައިރާތުގެ ގޮތުގައި ކުރާ މި މަސައްކަތް އިތުރަށް ފުޅާކުރަން ބޮޓޫރާ ގަސްތުކުރީ އެވެ.
ސިޓީގެ ރަށް ބޭރުގައި ހުންނަ ދުވަސްވީ ތިއޭޓަރެއްގައި ތައްޔާރުކޮށްފައިވާ މި ރެސްޓޯރަންޓްގައި ފަގީރުންނަށް ހިލޭ ބަހަން ކައްކަނީ އެކި ފިހާރަތަކުން ބޭނުންނުކޮށް ދޫކޮށްލާ އެއްޗިއްސެވެ. އެކަމަކު ބޭނުންކުރަނީ ބޮޓޫރާ އާއި އެނޫން ވެސް މަޝްހޫރު ބައެއް ޝެފުންގެ ރެސިޕީތަކެވެ.
އޭނާ ބުނި ގޮތުގައި ބޭނުންނުކޮށް އެ އެއްޗެހި އުކާލަން ޖެހޭނެ ކަމަކަށް އޭނާ ދުވަހަކު ވެސް ގަބޫލެއް ނުކުރެ އެވެ.
"އަހަރެން އަބަދުވެސް ގަބޫލުކުރަނީ ފާރޮށިކުނޑި، މާ ބޮޑަށް ދޮންވެފައި ހުންނަ ޓޮމާޓޯ، ތޮށިގަނޑަށް މުށިކުލަ އަރާފައި ހުންނަ ދޮންކެޔޮ ފަދަ ތަކެއްޗަކީ ކެއުމަށް ބޭނުން ކުރެވިދާނެ އެއްޗިއްސޭ. އަހަރެމެންގެ ކުޅަދާނަކަމުން މި އެއްޗެތިން ވެސް މީރު ކާނާ ތައްޔާރުކުރެވިދާނެކަން ދައްކާލަން ބޭނުމީ،" ބޮޓޫރާ ބުންޏެވެ.
ބޮޓޫރާ މި ޕްރޮޖެކްޓް 2015 ގައި ފުރަތަމަ ފެށީ މިލާންގެ އިންޓަނޭޝަނަލް އެކްސްޕޯގައި ހުރި ކެއުމުގެ ޚިދުމަތް ދޭ ތަންތަނުން ބާކީވި ކާނާތަކުންނެވެ.
މި ތަންތަނަށް ކާން އަންނަ މީހުން ކިއު ޖެހިގެން ތިބޭކަށް ނުޖެހޭނެ އެވެ. މޭޒު ކައިރީގައި އެމީހުން އިށީނުމުން ކާ އެއްޗެތި ފޯރުކޮށްދެވޭނެ އެވެ. އެހެންވެ ބޮޓޫރާ އެތަނަށް ކިޔަނީ ރެސްޓޯރަންޓެވެ. އެ ތަނުން ކޮންމެ ދުވަހަކު ވެސް ޚިދުމަތް ދެވެނީ 96 މެހެމާނުންނަށެވެ.
ބޮޓޫރާ ބުނީ ކާން އަންނަ މީހުންނަށް އިތުބާރު ލިބި އަމިއްލަ ދިރިއުޅުން އަލުން ނަގާ ކޮޅަށް ޖެހުމުގެ ހިތްވަރު ލިބޭ ކަމަށެވެ. އެހެންކަމުން އެއްފަހަރާ ގިނަ ބަޔަކަށް ކާން ދިނުމުގެ ބަދަލުގައި ކާން ދެވޭ މީހުންނަށް ރަނގަޅު ދިރިއުޅުމެއް ލިބިއްޖެ ނަމަ މަގްސަދު މާ ރަނގަޅަށް ފުރިހަމަވާނެ ކަމަށް ބޮޓޫރާ ބުންޏެވެ.
އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަނުން ބުނާ ގޮތުގައި ދުނިޔޭގައި އަހަރަކު 1.3 ބިލިއަން ޓަނުގެ ކާ އެއްޗެތި ތައްޔާރުކުރެވޭއިރު އޭ ތެރެއިން ތިން ބައިކުޅަ އެއްބައި ވަނީ ބޭކާރެވެ. އެހާ ގިނަ ބާވަތްތައް އެދަނީ ކުނިގޮނޑަށެވެ.