ޔުނައިޓެޑް އަލުން ދެ ވަނަ އަށް
ޔުނައިޓެޑް އަލުން ދެ ވަނަ އަށް

ލަންޑަން (ޖެނުއަރީ 2) – އެވަޓަން އަތުން 2-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް މެންޗެސްޓާ ޔުނައިޓެޑް އަލުން އަރައިފި އެވެ.

އެ ޓީމު ދެ ވަނަ އަށް އެރީ 47 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 59 ޕޮއިންޓާ އެކު އޮތް ސިޓީ އާއި ތިން ވަނައިގައި 45 ޕޮއިންޓާ އެކު އޮތް ޗެލްސީ އޮތީ އެއް މެޗު މަދުން ކުޅެފަ އެވެ. މާދަމާރޭ އާސެނަލް އަތުން ޗެލްސީ މޮޅުވެއްޖެ ނަމަ އެ ޓީމަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.

ރަށުން ބޭރުގައި ރޭ އެވަޓަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 57 ވަނަ މިނެޓުގައި އެންތަނީ މާޝިއާލް އެވެ. ދެ ވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ޖެސޭ ލިންގާޑެވެ. ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑުގެ ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޒަލަޓާން އިބްރަހިމޮވިޗް ނުކުޅެ އެވެ.

ރޭގެ މޮޅަކީ ޔުނައިޓެޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެއްވަރުވެފައިވާތީ އަލުން ފޯމަކަށް އެޅެން އެ ޓީމަށް އޮތީ މޮޅެއް މުހިއްމުވެފަ އެވެ.

ރޭ ލިވަޕޫލް ވެސް ވަނީ ރަށުން ބޭރުގައި ބާންލީ އަތުން ފަހު ވަގުތު 2-1 އިން މުހިއްމު މޮޅެއް ހޯދައިފަ އެވެ. މި މެޗުގެ ފުރަތަމަ ގޯލް 61 ވަނަ މިނެޓުގައި ޖެހީ ލިވަޕޫލުގެ ސަޑިއޯ މާނޭ އެވެ. އެކަމަކު 87 ވަނަ މިނެޓުގައި ބާންލީގެ ގުއޯމުންސޮން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިވަޕޫލް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ރަގްނާ ކްލަވަން ޖެހި ގޯލުންނެވެ.