03 ޖެނުއަރީ 2018 - 08:40

ޝާހްރުކް ޚާނާއި ކެޓުރީނާ ކައިފް އަދި އަނުޝްކާ ޝަރުމާގެ ފިލްމެއް އިއުލާން ކުރިތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ޝާހްރުކް ޑުވޯފެއްގެ ރޯލު އަދާކުރާ މި ފިލްމަކީ 2012 ގައި ނުކުތް ޔާޝް ޗޯޕްރާގެ "ޖަބް ތަކް ހެ ޖާން" އަށް ފަހު މި ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ޑައިރެކްޓަރު އާނަންދް އެލް.ރާއީގެ މި ފިލްމަށް ކިޔާ ވަކި ނަމެއް އިއުލާން ނުކޮށް ގިނަ ދުވަސްތަކެއް އޮތުމަށް ފަހު އާ އަހަރާ ދިމާކޮށް ފިލްމުގެ ނަމަކީ "ޒީރޯ" ކަން ވަނީ އިއުލާން ކޮށްފަ އެވެ.
ފިލްމުގެ ނަމާ އެކު ޝާހްރުކް ވަނީ ފިލްމުގައި އޭނާ ހުންނަ ސިފަ ވެސް ހާމަކޮށްފަ އެވެ. އިސްކޮޅުން ވަރަށް ކުޑަ މީހެއްގެ ރޯލު ކުޅޭތީ ފިލްމުގައި އޭނާ ހުންނާނެ ސިފަ ވެސް ވަރަށް ގިނަ ބަޔަކު ތިބީ ބަލާހިތުންނެވެ. ޝާހްރުކް ދެއްކި އެއް މިނިޓްގެ ވީޑިއޯގައި އޭނާ ފިލްމުގައި ކުޅޭ ކެރެކްޓާ ވަރަށް މޮޅުކަން ފާހަގަކުރެވެ އެވެ.
ދާދި ފަހުން އޮތް އެވޯޑް ޝޯއެއްގައި ވާހަކަ ދައްކަމުން ޝާހްރުކް ބުނީ ފިލްމަށް ކިޔާނެ ނަމެއް ހަމަޖައްސާފައި އޮންނަތާ ދެ އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް އިއުލާންކުރުން ތަންކޮޅެއް ލަސްވީ އެންމެ ރަނގަޅަކަށް އެކަން ކުރަން ކަމަށް ބުންޏެވެ. މިއީ ވިޝުއަލް އެފެކްޓްސް ވަރަށް ގިނައިން ބޭނުންކޮށްފައިވާ ފިލްމަކަށް ވާތީ މިފަދަ ފިލްމެއް އުފައްދަން ވަގުތާއި ފައިސާ ވަރަށް ވެސް ޚަރަދުވާ ކަމަށް ބުންޏެވެ.
ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "ޒީރޯ" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު 21 ގަ އެވެ. މިހާރު ތާވަލް ކުރެވިފައިވާ ގޮތުން މި ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހިފައިވަނީ ސުޝާންތު ސިންގް ރާޖްޕޫތާއި ސާރާ އަލީ ޚާންގެ "ކޭދާރްނާތު" އާ އެވެ. މިއީ ސައިފް އަލީ ޚާނާއި އޭނާގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.