ވަރުން ދަވަން ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަމުގެ ތެރެއަށް
ވަރުން ދަވަން ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަމުގެ ތެރެއަށް

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ރާއްޖޭގެ ޑަބްލިޔު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު ސޯޝަލް މީޑިއާގައި ޕޯސްޓް ކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ފަހުން ފެންނަނީ ޑައިވިން އަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ.

އޭނާ ލިޔެފައިވާ ގޮތުގައި މިހާރު އުޅެމުން އަންނަނީ މުޅިން އާ ދުނިޔެއެއްގަ އެވެ.

ވަރުންގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ވެއެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މި ދެ ތަރިން ޗުއްޓީ ހޭދަކުރަނީ ސްރީ ލަންކާގައި ކަމަށެވެ.

ވަރުން މީގެ ކުރިން ވަނީ ލޯބިވެރިޔާ ނަތާޝާ ދަލާލް ގޮވައިގެން ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ޗުއްޓީއަށް ފުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި ވަރުން ބުނީ އާ ގެއަކަށް ބަދަލުވީ ދާދި ފަހުން ކަމަށާއި ކައިވެނިކުރާނީ އާ ގޭގެ ތަޖުރިބާ ކޮށްލުމަށް ފަހު ކަމަށެވެ. އެކަމަކު ކައިވެނި ކުރާނީ އަދިވެސް އެތައް އަހަރެއް ފަހުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.