ކަމަދޫން ދިވެހިންގެ ކުރީގެ މެހެމާންދާރީ ދައްކައިދީފި
ކަމަދޫން ދިވެހިންގެ ކުރީގެ މެހެމާންދާރީ ދައްކައިދީފި

ދިވެހިންގެ ތެރޭގައި ކުރިން އޮތް މެހެމާންދާރީ އަދިވެސް ނެތި ނުދާކަން ބ. ކަމަދޫ ރައްޔިތުން މިއަދު ދައްކައިދީފި އެވެ.

ކަމަދޫން ދިވެހިންގެ ކުރީގެ މެހެމާންދާރީ ދައްކައިދީފި
ކަމަދޫން ދިވެހިންގެ ކުރީގެ މެހެމާންދާރީ ދައްކައިދީފި

ހއ. އިހަވަންދޫން ފުރައިގެން 100 މީހުންނާ އެކު މާލެއަށް ދަތުރުކުރި "ކާވިޔާ ބޯޓް" ގެ އިންޖީނު ހަލާކުވެގެން ބ. ކަމަދުއަށް ވަނުމުން އެރަށު ރައްޔިތުން އަތްއުރާލައިގެން ތިބީކީ ނޫނެވެ. ބޯޓުގެ އެންމެންނަށް މެންދުރު ކެއުން ތައްޔާރުކޮށްދީ، ތިބޭނެ އިންތިޒާމް ވެސް ހަމަޖައްސައިދިނީ އެވެ.

ހއ. އިހަވަންދޫ، ތުރާކުނު، ތަކަންދޫގެ އިތުރުން ހދ. ވައިކަރަދޫގެ މީހުން ގޮވައިގެން ދަތުރުކުރި ބޯޓްގެ އިންޖީނަށް މައްސަލަ ދިމާވީ ރޭ 10:30 ހާއިރު ބ. އަތޮޅަށް ވަންނަނިކޮށެވެ. އިންޖީނުގެ ހޫނުމިން މާ މައްޗަށް ދިއުމުން ދިމާވި މައްސަލަތަކުގައި އިތުރަށް ދަތުރުކުރެވެން ނެތުމުން މިއަދު ހެނދުނު ކަމަދޫގައި ބަނދަރުކުރި އެވެ.

އެބޯޓުގެ ދަތުރުވެރިޔަކު ބުނީ ކަމަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ އިސްނަގައިގެން އެމީހުންނަށްޓަކައި ރަށު ރައްޔިތުން ވަރަށް ހެޔޮކޮށް މެހެމާންދާރީ އަދާކުރި ކަމަށެވެ.

"މެންދުރު ހުރީ ހަމަ ދިވެހި ކެއުން ތައްޔާރުކޮށްފައި ބޯޓުގައި ތިބި ހުރިހާ އެންމެންނަށް،" އޭނާ ބުންޏެވެ.

ދަތުރުވެރިޔާ ބުނިގޮތުގައި ކަމަދޫ ރައްޔިތުންނަކީ ވަރަށް އޯގާތެރި ބައެކެވެ. ކޮންމެ ގެއަކުން ވެސް އެ މީހުންނަށް މަރުހަބާކީ ކަމަށް އޭނާ ބުންޏެވެ.

"ފެންވަރާލަން ބޭނުންވިޔަސް، މަޑުކޮށްލަން ބޭނުން ވިޔަސް ކޮންމެ ގެއަކުން ވެސް އެފުރުސަތު ލިބޭ،" އޭނާ ބުންޏެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ހާލުގައި ޖެހުނު ބޯޓް އެރަށަށް ބަނދަރު ކުރާނެ ކަމުގެ މައުލޫމާތު ރޭ ދަންވަރު ކޯސްޓް ގާޑުން ދިނުމާ އެކު، ގާތްގަނޑަކަށް 600 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ރެއިން ފެށިގެން އެހީތެރިވަމުން އަންނަ ކަމަށެވެ.

ކެއުމާއި ތިބުން ފަދަ ކަންކަން އެރަށު ގޭގެއިން ހަމަޖައްސައި ދީފައިވާއިރު އެބޯޓުގައި ތިބި މީހުން މާލެ ފުރަންދެން އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާާޅުވި ގޮތުގައި އެހީތެރިކަމަށް އެދި އެރަށަށް އަންނަ ކޮންމެ ބަޔަކަށް ވެސް ރަށު ރައްޔިތުން މަރުހަބާ ކިޔާނެ އެވެ.

ކާވިޔާ ބޯޓުގެ ދަތުރުވެރިން އެހެން ބޯޓެއްގައި މިރޭ މާލެ ފުރާނެ ކަމަށްވެ އެވެ.