02 ޖެނުއަރީ 2018 - 07:09

ޓެލެގްރާމް އަށް ލޯބިޖެހިފައި ތިބިހާ ބަޔަކަށް އުފާވެރި ޚަބަރެކެވެ. އަވަހަށް 4.7 އަށް ޓެލެގްރާމް އެޕްލިކޭޝަން އަޕްޑޭޓްކުރާކުރާށެވެ. އޮޓަމެޓިކް އަޕްޑޭޓް އަންނަންދެން މަޑުކުރާނެ ކަމެއް ނެތެވެ. ގޫގުލް ޕްލޭ ސްޓޯރަށް ވަދެފައި، އަމިއްލަ އެޕްލިކޭޝަންތަކުގެ ތެރެއިން ޓެލެގްރާމް ހޯދައި އައިކަން އަށް ފިތާލާށެވެ.
ޓެލްގްރާމަށް މި ފަހަރު ލިއްބައިދިން ފަސޭހަތައް އެހާ ގިނައެއް ނޫނެވެ. އެކަމަކު އެއީ ދޫކޮށްލައިގެން ފަރުޖެއްސެން ނެތް ފަސޭހަތަކެކެވެ. ޓެލެގްރާމްގައި މިހާރު ދެ އެކައުންޓަށް ވުރެ ގިނައިން، ތިން އެކައުންޓް ވެސް ހެދެ އެވެ. ކޮންމެ އެކައުންޓަކަށް ވަކި ނަމެއް ދިނަސް މައްސަލައެއް ނެތެވެ. އެކަމަކު ފޯނު ނަންބަރު ތަފާތުވާން ޖެހެ އެވެ.
އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ އާބާދީގައި ގިނައީ ދެ ސިމް ފޯނެވެ. ޓެލެގްރާމްގައި ދެ އެކައުންޓަށް ވުރެ ގިނަ އެކައުންޓް ހެދެނީ ވެސް އެންޑްރޮއިޑް ފޯނުތަކުގަ އެވެ. އައިފޯނަށް އަދި އެ ސަޕޯޓެއް ނުދެ އެވެ.
ޓެލެގްރާމް 4.7 ގައި ދެން ހިމެނޭ އާ ފީޗާ އަކީ، ވަކިވަކި މެސެޖުތަކަށް ޖަވާބުދިނުމުގައި، އެ މެސެޖެއްގައި އިނގިލި ޖައްސާލައި، ވާތަށް ކަހާލުމުން ޖަވާބުދޭން މަގު ތަނަވަސްވުމެވެ. މިއީ ޓެލެގްރާމް ބޭނުންކުރާ މީހުންނަށް މިއިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ބޮޑު ކުރިއެރުމެކެވެ.
ޓެލެގްރާމް އެޕްލިކޭޝަން ތެރެއިން ގިނަ އެކައުންޓްތައް މެނޭޖްކުރެވޭ ގޮތް ވުމަކީ ވިޔަފާރިވެރިންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. އަދި އޮންލައިންކޮށް ކުދިކުދި ވިޔަފާރިކުރާ މީހުންނަށް ވެސް އެހައި ބޮޑު ލުޔަކަށް ވާނެ އެވެ.