01 ޖެނުއަރީ 2018 - 11:57

ރ. އަލިފުށީގެ ގެއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ރޭ ދަންވަރު އަނދައިފި އެވެ.

ގާތްގަނޑަކަށް ރޭ ތިނެއް ޖަހާކަންހާ އިރު އަލިފާން ރޯވީ އެރަށު، ޓުވިންޕީކްސް ގޭގަ އެވެ. ގޭގެ ވެރިޔާ ވަނީ އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ.
އެނގިފައިވާ ގޮތުގައި ޓްވިންޕީކްސްގޭގެ މީހުން ދިރިއުޅެނީ މާލޭގައި ކަމުން އެ ގެ ހުންނަނީ އާންމުކޮށް ހުހަށެވެ. އެކަމަކު އަލިފާނުގެ ހާދިސާ ހިނގީ ގޭގެ ވެރިޔާ އިއްޔެ އެރަށަށް ގޮސް ގޭގައި އުޅެނިކޮށެވެ.
އަލިފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޒަހީން ވިދާޅުވީ ދެ ކޮޓަރި އާއި ސިޓިން ރޫމެއް ހިމެނޭ ގެ އާއި ގޭގައި ހުރި ހިފާގެންގުޅޭ ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
ފުރަތަމަ އަލިފާން ރޯވި ކަމަށް ބެލެވެނީ، އޭނާ ވިދާޅުވި ގޮތުގައި، ގޭ ބޭރުގައި ހުރި ސައިކަލެއްގަ އެވެ. އޭގެ ފަހުން ގޭގައި އަލިފާން ހިފީ ކަމަށް ލަފާކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޒަހީން ވިދާޅުވީ، ސައިކަލްގައި ރޯވީ ކީއްވެގެންކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ފުލުހުން މިހާރު އަންނަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.