12 ޖުލައި 2016 - 05:34

ސަލްމާން ޚާނާއި އަނުޝްކާ ޝަރުމާގެ "ސުލްތާން" އަކީ ފިލްމީ ވިޔަފާރީގެ ފުންނާބު އުސް ފަރާތްތަކުން ލަފާކޮށްފައިވާ ވަރަށް ވުރެ ވެސް މާ ކާމިޔާބު ފިލްމެއްކަން މިހާރު އެ ފިލްމު ދަނީ ބޮކްސް އޮފީހުގައި ސާބިތުކޮށްދެމުންނެވެ.
ފިލްމަށް ކާމިޔާބު ލިބެމުންދަނީ ހަމައެކަނި އިންޑިއާ އަކު ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިފިލްމު ދަނީ ވަރަށް ބޮޑު ފައިދާއެއް ހޯދަމުންނެވެ.
ޔާޝްރާޖް ފިލްމްސް ޕްރޮޑަކްޝަން އިން 700 މިލިއަން ރުޕީޒް (13 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފެއްދި މި ފިލްމު ވަނީ ފުރަތަމަ ތިން ދުވަހު އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑާއި ފުރަތަމަ ފަސް ދުވަހުގެ ރެކޯޑް ވެސް މުގުރާލާފަ އެވެ. ފުރަތަމަ ހަފުތާ ބަންދުގައި އެކަނި މުޅި ދުނިޔޭން 2000 މިލިއަން ރުޕީޒް (30 މިލިއަން ޑޮލަރު) ހޯދި ފުރަތަމަ ހިންދީ ފިލްމުގެ ރެކޯޑް ވެސް މިހާރު އޮތީ މި ފިލްމުގެ އަތުގަ އެވެ.
ސަލްމާން އަތުގައި މިހާރު އޮތް ރެކޯޑްތަކުގެ ތެރޭގައި 100 ކްރޯޑު ކްލަބަށް އެންމެ ގިނަ ފިލްމު ވަނުމުގެ ރެކޯޑް ވެސް ހިމެނެ އެވެ. މިއީ 100 ކްރޯޑު (15 މިލިއަން ޑޮލަރު) ހަމައެކަނި އިންޑިޔާއިން ހޯދާ ފިލްމުތަކަށް ޚާއްސަކޮށް ވަދެވޭ ކްލަބެކެވެ. ސަލްމާންގެ 10 ފިލްމެއް މި ކްލަބަށް ވަދެފައިވާއިރު ދެ ވަނައިގައި އުޅެނީ މި ކްލަބަށް ހަ ފިލްމު ވަދެފައިވާ ޝާހްރުކް ޚާނެވެ. އަކްޝޭ ކުމާރާއި އަޖޭ ދޭވްގަންގެ ފަސް ފިލްމެއް މި ކްލަބަށް ވަދެފައިވާއިރު އާމިރު ޚާންގެ ހަތަރު ފިލްމެއް އަދި ރިތިކް ރޯޝަންގެ ތިން ފިލްމަކަށް މި ކްލަބުން ޖާގަ ލިބިފައި ވެއެވެ.
ޖުލައި 6 ވަނަ ދުވަހު "ސުލްތާން" ރިލީޒްކުރީ އިންޑިޔާގެ 4،350 ސްކްރީންގަޔާއި ދުނިޔޭގެ އެކި ގައުމުތަކުގެ 1،100 ސްކްރީނެއްގަ އެވެ. އިންޑިޔާގައި މި ފިލްމު ދެއްކި ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 1426 މިލިއަން ރުޕީޒް (21.4 މިލިއަން ޑޮލަރު) ހޯދާފައި ވެއެވެ. އަދި ފަސް ދުވަހުގެ ތެރޭގައި 1820 ކްރޯޑު (27.3 މިލިއަން ޑޮލަރު) ލިބޭނެކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ޓްރޭޑް އެކްސްޕާޓެއް ކަމަށްވާ ރަޖެންދުރަ ސިންގް ފޯބްސް މަޖައްލާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ބޮލީވުޑް ފިލްމަކަށް މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު ފިލްމުގެ ރެކޯޑް މި ފިލްމު މުގުރާލާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
މި ފޯރީގައި ފިލްމު ކުރިއަށްދާ ނަމަ ޑައިރެކްޓަރު ކަބީރް ޚާންގެ "ބަޖްރަންގީ ބައިޖާން"ގެ 48.15 މިލިއަން ޑޮލަރުގެ ރެކޯޑާއި އާމިރު ޚާންގެ 51 މިލިއަން ޑޮލަރުގެ ރެކޯޑު މުގުރާލުމަކީ މި ފިލްމަށް މާ އުނދަގޫ ކަމަކަށް ނުވާނެކަމަށް އޭނާ ބުނެފައިވެ އެވެ.