18 މެޗަށް ފަހު މެންޗެސްޓާ ސިޓީ ހުއްޓުވައިފި
18 މެޗަށް ފަހު މެންޗެސްޓާ ސިޓީ ހުއްޓުވައިފި

ލަންޑަން (ޖެނުއަރީ 1) – އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެ ރެކޯޑަކާ ކުރިމަތިލާން ތައްޔާރުވަމުން ދިޔަ މެންޗެސްޓާ ސިޓީ އެންމެ ފަހުން ހުއްޓުވައިފި އެެެވެ. އެކަން ކުރީ ލީގުގައި ރޭ ސިޓީއާ 0-0 އިން އެއްވަރުކޮށް ކްރިސްޓަލް ޕެލަސް އިންނެވެ.

ރޭ ސިޓީ މޮޅުވި ނަމަ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގެއްގެ މަތީ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެ ބަޔާން މިއުނިކް ހަދާފައިވާ 19 މެޗުގެ ރެކޯޑާ އެއްވަރުކުރެވޭނެ އެވެ. އެ ރެކޯޑް 2013/2014 ސީޒަނުގައި ބަޔާނުން ހެދީ ވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުންނެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު 59 ޕޮއިންޓާ އެކު ސިޓީ އަދިވެސް އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކު ތާވަލުގެ އެއް ވަނައިގަ އެވެ. އެންމެ ކައިރީގައި އޮތީ 45 ޕޮއިންޓާ އެކު ޗެލްސީ އެވެ. ކުރިން ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިހާރު އޮތީ 44 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ރޭގެ މެޗުން ހަގީގަތުގައި ސިޓީ ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. އިތުރު ވަގުތުގެ ތެރޭގައި ޕެލަސް އަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ލޫކާ މިލިވޮޔެވިޗް ޖެހުމުން ސިޓީގެ ކީޕަރު އެޑަސަން މަތަކުރި އެވެ.

ސިޓީން ލީގުގައި 21 މެޗު ކުޅެފައިވާއިރު އަދި ބައްޔެއް ނުވެ އެވެ. އެހެންވެ އެ ޓީމުން 2004/2004 ގެ ސީޒަނުގައި އާސެނަލުން ބަލިނުވެ ލީގު ކާމިޔާބުކުރި ގޮތަށް މި ފަހަރު ލީގު ކާމިޔާބުކުރާނެ ކަމަށް އެއް ބަޔަކު ދެކެ އެވެ. އެކަމަކު ސިޓީގެ ކޯޗު ގާޑިއޯލާ ދެކޭ ގޮތުގައި އެގޮތަށް ނުވާނެ އެވެ.

"ބަލިނުވެދާނެ ކަމަށް އަހަރެން ނުވިސްނަން. އެކަމެއް ނުވާނެ،" ގާޑިއޯލާ ބުންޏެވެ. "ފަހަރުގައި އާސެން ވެންގާ (އާސެނަލް ކޯޗު) ހުރީ އެކަމާ ކަންބޮޑުވެފައި ކަމަށް ވެދާނެ. އެކަމަކު އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން 2004 ގެ ރެކޯޑް އޮތީ އޭނާއަށޭ. މިހާރު 2004 އާ މުޅިން ތަފާތު. މިހާރު ވަރުގަދަ ގިނަ ޓީމުތައް އެބަހުރި. ވަރަށް ގިނަ މުބާރާތްތައް، ވަރަށް ގިނަ މެޗުތައް އެބަހުރި."

ރޭގެ މެޗުގައި ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސަސް އާއި މިޑްފީލްޑަރު ކެވިން ޑިި ބްރޭނާ އަށް އަނިޔާވެ ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު އަނިޔާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ލީގުގައި ރޭ އާސެނަލް އާއި ވެސްޓް ބްރޮމްވިޗް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުގެ 83 ވަނަ މިނެޓުގައި އާސެނަލަށް ކުރި ލިބުނީ ވެސްޓް ބްރޮމްވިޗުގެ ޖޭމްސް މެކްލީން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ވެސްޓް ބްރޮމްވިޗުން އެއްވަރުކުރީ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.