11 ޖުލައި 2016 - 13:15

މިހާރު ހިނގަމުންދާ އޯޓް ކުޓުއާ ފެޝަން ވީކްގެ އެންމެ ވިދާލި ޝޯތަކުގެ ތެރެއިން އައިރިސް ވޭން ހާޕަންގެ ފެޝަން ޝޯ ހިމެނެ އެވެ. މިއީ އައިރިސް ޕެރިހުގައި އޯޓް ކުޓުއާ ޝޯއެއް ދައްކާލި ފުރަތަމަ ފަހަރެވެ. އޭނާގެ ހެދުންތަކަށް ހިޔާލު ހޯދާފައި ވަނީ "ސިމެޓިކްސް" އިން ކަމަށް ޑިޒައިނާ ބުނެފައިވެ އެވެ. ދިޔާ އެއްޗެއްގައި ޖެހުމުން އުފެދޭ އެކި ޑިޒައިންތަކާއި ބައްޓަންތައް ނިސްބަތްވާ ކަހަލަ ހެދުންތަކެއް ފަރުމާކޮށްފައި ހުއްޓެވެ.
އައިރިސްގެ ޝޯގައި ދައްކާލި މި ޒަމާނީ ހެދުންތައް ކަނޑައި ފަރުމާކޮށްފައި ހުރީ އެކި ވައްތަރުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އިތާ މުތަށް އަރާ ކުލަތައް ފެންނަ، ރަބަރުގައި ލޭޒާ ބޭނުންކޮށްގެން ކަނޑާފައިވާ ކަޅު ފޮއްޗެއްގައި "ބަޔޯމޯފިކް" ބައްޓަންތަކަށް ފަރުމާކޮށްފައި ހުއްޓެވެ. އަދި އިސްތައްޓަކަށް ވުރެ ފަސް ގުނަ ހިމަ ޕޮލީމާ ރޮދިން ޖަޕާނުގެ ސަގާފީ ސްޓައިލަކަށް ވިޔެފައި ހުރި ހެދުންތައް ވެސް ދައްކާލި އެވެ.
މީގެ އިތުރުން އައިރިސްގެ ކަލެކްޝަނުން އެންމެ ފާހަގަވި ދެ ހެދުމެއް ވެ އެވެ. ހާހަކަށް ވުރެ ގިނަ ސްވަރޮވްސްކީ ކްރިސްޓަލް ސިލިކޮން ހެދުމެއްގައި ހަރުކޮށްފައި ހުރި "ޑިޔު ޑްރޮޕް ޑްރެސް" އަދި ބިއްލޫރި ބޮކިތަކަކުން ތައްޔާރުކޮށްފައިހުރި ހެދުމެވެ. ބޮކިތައް ހަރުކޮށްފައި ވަނީ ދިޔާ ސިލިކަން ބޭނުންކޮށްގެންނެވެ. އަދި އެއިން ކޮންމެ ބޮތްކެއް ތައްޔާރުކޮށްފައި ވަނީ އަތުންނެވެ.
ޝޯގައި މޮޑެލުން ހިނގަމުން ދިޔައީ ވަށް ބުރަކަށް އަތުރާފައިހުރި ލޯ ތަށިތަކެއްގެ މެދުންނެވެ. މި ޝޯއަށް މިއުޒިކް ކުޅުނީ ޖަޕާނުގެ މިއުޒިޝަނެއްކަމަށްވާ ކަޒުޔާ ނަގާޔާ އެވެ. ބިންމަތީގައި އަތުރާފައި ހުރި ލޯ ތަށިތައް ބޭނުންކޮށްގެން އެކި ވައްތަރުގެ މިއުޒިކު އޭނާ ކުޅުނެވެ. އައިރިސްގެ މި ޝޯގެ ފުރިހަމަކަމަަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދެ އެވެ. ފެޝަން ދާއިރާ އަކީ އަބަދުވެސް ޓެކްނޮލޮޖީއާ ލާމެހިގެން ކުރިއަށްދެވޭނެ ދާއިރާއެއްކަން އައިރިސްގެ ޝޯއިން ސާބިތުކޮށްދިނެވެ.