31 ޑިސެމްބަރ 2017 - 21:33

އާ އަހަރަކާ އެމަނިކުފާނު ކުރިމަތިލައްވަނީ ގައުމު ހިންގުމުގައި މިދިޔަ ހަތަރު އަހަރު ކުރެއްވި ތަޖުރިބާގެ އަލީގައި، އެއިން ކޮންމެ އަހަރަކަށް ވުރެ އެތައް ގުނައަކުން ކާމިޔާބީ އާއި ކުރިއެރުން ގައުމަށް ހޯއްދަވައި ދެއްވުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އާ އަހަރާ ކުރިމަތިލައްވަނީ، މި ސަރުކާރުން ގައުމާ ހަވާލުވުމަށް ފަހު، ފެށި ދަތުރުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް އަންނަ އަހަރު ހުސްވުމުގެ ކުރިން ނިންމައި، އޭގެ ލާބަ އާއި މަންފާ ދިވެހިންނަށް ލިއްބައި ދިނުމުގެ އަޒުމުގައި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން މި އަހަރަށް ފާސްކޮށްދެއްވި ބަޖެޓުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ މި ސަރުކާރުގެ 5 އަހަރުގެ މެނިފެސްޓޯގެ ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ނިންމުމުގެ މައްޗަށެވެ. އަޅުގަނޑުގެ އަޒުމަކީ، މިފެށޭ އަހަރަކީ މާތްﷲގެ ވާގިފުޅާއެކު، މިހައިތަނަށް މި ސަރުކާރުގެ އެންމެ ކާމިޔާބު އަހަރު ކަމުގައި ހެދުމެވެ،" މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ސަރުކާރުން ހޯދާފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެތައް މަޝްރޫއެއް ނިންމައި، އެތައް މަޝްރޫއެެއް ފައްޓަވައި ދެއްވުމުގެ އުފާ މި އަހަރު އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ. އެގޮތުން އެތައް ހާސް ވަޒީފާއެެއް އިތުރުކޮށް، ރާއްޖޭގަ އާއި ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރުމަށް ޒުވާނުންނަށް އެތައް ފަހި ފުރުސަތުތަކެއް މި އަހަރު ހޯއްދަވައި ދެއްވުނުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހު، ގައުމު ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް ތަހައްމަލު ކުރައްވަން ޖެހިވަޑައިގަތް ކަމަށެވެ. އަދި އެ ގޮންޖެހުންތަކާއި ދަތި އުނދަގޫތައް އައީ އަހަރަކަށް ފަހު އަހަރެއް އިތުރުވެ އެތައް ގުނައެއް ބޮޑުވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސާބިތުވެ ތިބެ، އެ ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމަށް މަގުފަހިކޮށްދީ އެތައް ގޮތަކުން ގައުމުގެ ކަންކަން ހަމަމަގަށް އެޅުވިފައިވާ ކަމުގެ ހިތްހަމަޖެހުމެވެ. ހަމަ ޔަގީނުން ވެސް ގައުމެއް ހިންގުމުގައި ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ގައުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ އީޖާބީ ގޮތެއްގައި ކުރިމަތިލައި، ދަތި އުނދަގޫތަކުގެ ތެރެއިން ނަމަވެސް އެ ކަންކަމުގެ ހައްލު ހޯދައި ދެވުނުކަމުގެ ހިތްހަމަޖެހުމެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.