01 ޖެނުއަރީ 2018 - 08:39

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގެ ނަމާއި ބައެއް މަންޒަރުތަކަށް ބަދަލުތައް ގެނައުމަށް ފަހު ފިލްމު ފާސްކޮށްދޭން އިންޑިއާގެ ސެންސަރު ބޯޑުން ނިންމިޔަސް ފިލްމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ނިމުމެއް އަންނަ ގޮތެއް ނުވި އެވެ.
ފިލްމުގެ ޝޫޓިން ފެށީއްސުރެ ފިލްމު އުފެއްދުމާ ދެކޮޅުހަދަމުން ދިޔަ ރާޖްޕޫތު ކަރްނީ ސޭނާއިން ވަނީ ފިލްމު ފާސްކޮށްދޭން ނިންމުމުން ރުޅިގަދަވެ ފިލްމު އަޅުވާ ސިނަމާތަކަށް ގެއްލުން ދޭނެކަމުގެ އިންޒާރުތައް ދީފަ އެވެ.
އެމީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފިލްމު ރިލީޒްކުރުމުގެ ހުއްދަ ދިނުމަކީ އިންޑިޔާގެ ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ފިލްމު އެޅުވުމާ ގުޅިގެން މީހުންގެ ފުރާނައަށާއި މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ވެސް އެމީހުންގެ ބަޔާނުގައި ބުނެ އެވެ.
"ފިލްމު އަޅުވާ ކޮންމެ ތިއޭޓަރެއް ފުނޑުފުނޑު ކޮށްލާނަން. ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދޭން ނިންމީ އަންޑަވޯލްޑް ޑޮން ދާއޫދު އިބްރާޙިމް ޕްރެޝަރު ކޮށްގެން،" ފިލްމާ ދެކޮޅު އިސް މީހަކު ބުންޏެވެ.
ފިލްމު ފާސްކޮށްދޭން ނިންމުމަށް ފަހު ސެންސަރު ބޯޑުގެ ޗެއާމަން ޕްރަސޫން ޖޯޝީ ބުނީ ފިލްމު ފާސްކޮށްދިނުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ފިލްމު ފާސްކޮށްދޭން ނިންމީ ފިލްމުގެ ޑިސްކްލެއިމާ އަށާއި ނަމަށް ބަދަލުގެނެސް އަދި އެނޫން ވެސް ތާރީޚީ ގޮތުން މީހުންގެ ހިތްހަމަނުޖެހޭ ބައެއް ކަންތައްތައް ބަދަލުކުރުމަށް ޝަރުތުކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
ޕަދުމާވަތީ މައްސަލައަކަށް ހަދައިގެން އުޅެނީ ހިންދޫންގެ އެންމެ މަތީ ދަރަޖައިގެ މީހުންނެވެ. އެ މީހުން ބުނާ ގޮތުގައި އޭގައި ދައްކާ ހިންދޫންގެ ރާނީގެ ޝަހުސަށް ފިލްމުން އުނިކަން ގެނެ އެވެ. އެކަމަކު އިންޑިއާގެ ތާރީހީ އިލްމުވެރިން ބުނާ ގޮތުގައި ޕަދުމާވަތީ ނިސްބަތްވާ ރާނީ އަކީ ހިޔާލީ މީހެކެވެ. އެއީ އުޅުނު ރާނީއެއް ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.
އެކަމަކު ބައެއް ހިންދޫންގެ މެދުގައި މުސްލިމުންނާ މެދު އޮތް ނަފުރަތުގެ ސަބަބުން ފިލްމު ދެކެ ރުޅިގަދަވެގެން އުޅެނީ އެވެ.