ބިގް ބޮސް: ޝޯއިން ވަކިވާން ކިތައްމެ ފަހަރަކު ވިސްނިން: ޕްރިޔަންކް
ބިގް ބޮސް: ޝޯއިން ވަކިވާން ކިތައްމެ ފަހަރަކު ވިސްނިން: ޕްރިޔަންކް

ރަނގަޅު މީހުންނަށް ވެސް ކުށް ކުރެވެ އެވެ. އެކަމަކު އެ ކުށުން އެ މީހުން އިބްރަތް ހޯދަ އެވެ. ބިގް ބޮސް 11ގެ އެއް ބައިވެރިއެއް ކަމަށްވާ ޕްރިޔަންކް ޝަރުމާ އަކީ މީގެ މިސާލެކެވެ. އެންމެ ފަހުން ބިގް ބޮސްގެ ގެއިން ބޭރަށް ނުކުންނަން ޖެހުނު ބައިވެރިޔަކީ އޭނާ އެވެ.

ޝޯގައި ބައިވެރިވެ އޭނާ ހޭދަކުރި ދުވަސްތަކާ މެދު ޕްރިޔަންކް ހިތްހަމަޖެހެ އެވެ. އޭނާގެ ދަތުރުގައި ވަރަށް ގިނަ ހުރަސްތައް ގިރާކުރަން ޖެހުނު ނަމަވެސް ބިގް ބޮސްގެ ގޭގައި ހޭދަކުރި ދުވަސްތަކުގެ ސަބަބުން ކުރިޔަށް ވުރެ މާ ހެޔޮ، ވިސްނޭ މީހަކަށް އޭނާ ވެފައިވާ ކަމަށް ދިއްލީއަށް ނިސްބަތްވާ ޕްރިޔަންކް ގަބޫލުކުރެ އެވެ.

އޭނާ ބުނާ ގޮތުގައި ޝޯގައި ބައިވެރިވިތާ ކުރީކޮޅު އެ ޝޯއިން ވަކިވާން ވަރަށް ގިނަ ފަހަރު ވިސްނި އެވެ. ނަމަވެސް ޝޯގައި ދިމާވި ކަންތައްތަކަށް ކެތްކޮށްލައިގެން ހުރުމުގެ ސަބަބުން މިއަދު އޭނާ ހަރުދަނާ މީހަކަށް ވެފައިވާ ކަމަށް ގަބޫލުކުރެ އެވެ.

ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހޭ ބައިވެރިންގެ ނޮމިނޭޝަންސްގައި ޕްރިޔަންކްއާ އެކު ދެން ހުރީ ލަވް ތިޔާގީ އެވެ. ޕްރިޔަންކް އަށް ވުރެ ލަވް އަށް ލިބުނު ވޯޓް ގިނަ އެވެ. ނަމަވެސް ލަވްއާ ކުރިމަތިލާ އޭނާއަށް ނާކާމިޔާބު ވިޔަސް ހިތުގައި އެއްވެސް ޝަކުވާއެއް ނެތް ކަމަށް ބުންޏެވެ.

"ލަވް އަށް މިހާރު ވަރަށް ގިނަ ބައެއްގެ ލޯބި ލިބެމުންދާތީ އަހަރެން އެކަމާ ވަރަށް އުފާކުރަން،" ޕްރިޔަންކް ބުންޏެވެ.

މިހާރު ބިގް ބޮސްގެ ގޭގައި ތިބި ބައިވެރިންގެ ތެރެއިން ޕްރިޔަންކްގެ ފޭވަރިޓަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ޝިލްޕާ އާއި ހީނާ ޚާން އަދި ވިކާސް ގުޕްތާ ފައިނަލަށް ދާނެ ހެން ހީވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝޯ ކާމިޔާބުކުރާނީ ކާކުކަން ބުނަން ނޭނގޭ ކަމަށް އޭނާ އެއްބަސްވި އެވެ.