31 ޑިސެމްބަރ 2017 - 15:25

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިންތިހާބުގެ އެއްވެސް ހިސާބަކުން ރައީސް އަބްދުﷲ ޔާމީނަށް ދޫދިނުމެއް ނެތް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާ އަހަރަށް މަރުހަބާ ކިޔައި، އެމްޑީޕީގެ އަންނަ އަހަރުގެ އަމާޒު ރައްޔިތުންނާ ހިއްސާކުރަން މާބްލް ހޮޓަލުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނަޝީދު ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީ އަށް އެބައޮތް ކަމަށެވެ. ސަރުކާރުން ކުރިމަތިކުރުވާ އެއްވެސް ހާލަތަކާ ހެދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާދަ ނުކުރެއްވިއްޖެ ނަމަ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދޭން ވެސް އެމްޑީޕީ ތައްޔާރު ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީނަކީ ގާނޫނާ އެއްގޮތަށް ކަންކަން ކުރައްވާ ބޭފުޅެއް ނޫން. ރައީސް ނަޝީދަށް އެއްވެސް ގޮތަކުން ވާދަނުކުރެވިއްޖެ ނަމަވެސް އެމްޑީޕީ މިއޮތީ އިންތިޚާބު ހިލޭ، ރައީސް ޔާމީނަށް ދޫކޮށްލާ ގޮތަކަށް ނޫން،" ހަސަން ވިދާޅުވި އެވެ.
"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުގެ ގޮތުގައި ވެސް ރައީސް ނަޝީދު ނެރުމަށް ޕާޓީން މި އަންނަނީ މަސައްކަތް ކުރަމުން."
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތުތައް ނަޝީދަށް ވަނީ ގެއްލިފަ އެވެ. އެކަމަކު ވެސް ހަސަން ވިދާޅުވީ އިންތިޚާބު ބާއްވަންވާއިރަށް ނަޝީދަށް ކެންޑިޑެސީ ކަށަވަރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކުރެއްވުމަށް ފަހު ހަމައެކަނި ރައީސް ޔާމީނަށް ފުރުސަތު ފަހިކޮށްގެން އިންތިހޚާބު ކާމިޔާބުކުރައްވަން، އެމްޑީޕީ އޮތީ ދޫދޭން ތައްޔާރަށް ނޫނެވެ. އެމްޑީޕީން އެކުލަވާލި މަގުޗާޓަކީ، ރައީސް ޔާމީން ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ ބިކަ ކަމާއި ނިކަމެތިކަން އަދި ހާސްކަމުން އަރައިގަނެވޭނެ ތަސައްވުރެއް ކަމުގެ ޔަގީންކަން ހަަސަން ދެއްވި އެވެ.
- މަގުޗާޓުން ރައީސް ޔާމީން ބަލިކޮށް، ދިވެހިންނަށް ހިތްހަމަޖެހުން ހޯދައިދޭނެ.
- ރިޔާސީ އިންތިޚާބު ބާއްވަންވާއިރަށް، ނަޝީދުގެ ކެންޑިޑެސީ ކަށަވަރުވާނެ.
- މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލާނެ. މޭ މަހު ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓަކު އިންތިހާބުކުރާނެ.
- އަމާޒަކީ އެމްޑީޕީގެ ކެންޑިޑޭޓަކީ ގުޅިފައިވާ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުގެ ގޮތުގައި ހަދައި އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުން.
- ފަހު ވަގުތާ ހަމައަށް ވެސް ގުޅިފައިވާ އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ.
- ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެވޭނެ މަގު ނުފެނިއްޖެ ނަމަ އެމްޑީޕީގެ ވިސްނުމަކީ އެހެން ޕާޓީތަކުން ވެސް ކެންޑިޑޭޓުން ވާދަކުރާ އުސޫލުން އެމްޑީޕީގެ ކެންޑިޑޭޓު ވެސް ވަކިން ވާދަކުރުން.
"އެމްޑީޕީގެ ކެންޑިޑޭޓު ނުވަތަ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓު ޖަލަށް ލައި ކެންޑިޑެސީ ގެއްލުވާލުމުގެ ފުރުސަތު އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެން ހަދައިފި ނަމަ އެމްޑީޕީން އަމަލުކުރާނެ ގޮތަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުން. އަދި އެ ކެންޑިޑޭޓަކީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ކަމުގައި ހެދުމަށް މަސައްކަތް ކުރުން،" ހަސަން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވާލުމާއި އިންތިޚާބުގެ އެހެން ކަންކަން ޖެނުއަރީ މަހު ފަށާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މިވަގުތު ސިޔާސީ އެންމެ މަގްބޫލު ޝަހުސިއްޔަތަކީ ނަޝީދު ކަމަށް މުޅި ޕާޓީން ދެކޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގައި ރައީސް ޔާމީން ބަލިކުރުމަށް ނެރެން ވެސް އެންމެ ރަނގަޅު ކެންޑިޑޭޓަކީ ނަޝީދު ކަމަށް ހަސަން ވިދާޅުވި އެވެ.
"އެއީ ގުޅިފައިވާ ޕާޓީތަކުގެ ކޮމަން ކެންޑިޑޭޓެއްގެ ގޮތަށް ވެސް އަދި ގުޅިފައިވާ ޕާޓީތަކުން ކޮމަން ކެންޑިޑޭޓެއް ނުނެރެވޭ ހާލަތުގައި ވެސް އެމްޑީޕީން ނިކުންނަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ނަޝީދު. އެއީ މުޅި ރާއްޖެ އަށް އެނގޭ ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ ނަޝީދު ކަމަށް އެ ޕާޓީން ބުނާއިރު، އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ މަޝްވަރާގައި ކޮންމެ ޕާޓީއަކުން ތަމްސީލް ކުރާނެ ދެ މަންދޫބަކު ނިންމައި، އިދިކޮޅު ލީޑަރުންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެ މަޝްވަރާ ފަށާނެ ދުވަހެއް އަދިއެއް ނޭނގެ އެވެ.