02 ޖެނުއަރީ 2018 - 07:08

އިންޑިޔާގެ ހޮސްޕިޓަލެއްގެ ޑޮކްޓަރެއްގެ ފަރުވާ ކުޑަކަމުން ދިމާވި ހިތާމަވެރި ހާދިސާއެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ. މާބަނޑު މީހަކު ދައްކަން ދިއުމުން އޭނާގެ ދަރިފުޅު އޮތީ ބަނޑު ތެރެއަށް މަރުވެފައި ކަމަށް ބުނެ އެޑްމިޓް ކޮށްދޭން އެ ޑޮކްޓަރު އިއުތިރާޒުކުރި އެވެ.
މަދްޔަ ޕްރެދޭޝް ސްޓޭޓްގެ ޑިންޑޯރީ ޑިސްޓްރިކްޓްގެ އަވަށަކަށް ނިސްބަތްވާ 24 އަހަރުގެ ސަމަރްވަތީ ދޭވީ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޑޮކްޓަރު ދެކޮޅުހެދުމުން ގެއަށް ދަނިކޮށް ދަނޑެއްގެ ތެރެއަށް އޭނާ ވަނީ ވިހާފަ އެވެ. ވިހޭއިރު ކުއްޖާ އޮތީ ގަދަވެ ސަލާމަތުންނެވެ.
ސަމަރްވަތީ ހޮސްޕިޓަލަށް ގެންދިޔައީ ދަންވަރު އެވެ. ދުވަސް ނުފުރުނަސް އޭނާގެ ބަނޑުގައި ވިހެއުމުގެ ވޭން ދިޔައީ އަޅަމުންނެވެ. އެކަމަކު އޭނާ ބެލި ޑޮކްޓަރު ބުނީ ސްޓްރެސްގެ ސަބަބުން ބަނޑުތެރެއަށް ދަރިފުޅު އޮތީ މަރުވެފައި ކަމަށެވެ.
ސަމަރްވަތީ ބުނި ގޮތުގައި އޭނާ އެޑްމިޓް ކޮށްދޭން ދެކޮޅުހެދުމުގެ އިތުރުން ނަރުހުން އޭނާގެ ގައިގައި ޖަހައި، ދަންވަރު ވަގުތެއް ނަމަވެސް ހޮސްޕިޓަލުން ގަދަކަމުން އޭނާ ނެރެލީ އެވެ.
"އަހަރެން ހޮސްޕިޓަލަށް ގޮސް ބުނިން ބަނޑުގައި ރިއްސަނީއޭ. އެމީހުން އަހަރެން ރަނގަޅަށް ނުވެސް ބަލާ ބުނެފި ކުއްޖާ މަރުވެފައޭ އޮތީ،" ސަމަރްވަތީ ބުންޏެވެ.
"އަހަންނަށް ވަރަށް ބާރަށް ހަޅޭއްލަވާ ރޮވެން ފެށި. ނަމަވެސް ނަރުހުން އަހަންނަށް އެހީތެރިވުމުގެ ބަދަލުގައި އަހަރެންގެ ގައިގައި ޖަހާ ގަދަކަމުން ހޮސްޕިޓަލުން ނެރެލީ."
ސަމަރްވަތީއާ އެކު ހޮސްޕިޓަލަށް ދިޔައީ އޭނާގެ ތިމާގެ ބައެއް މީހުންނެވެ. ހޮސްޕިޓަލުން ނެރެލުމުން އެމީހުންނާ އެކު ގެއަށް ދާން ދަތުރު ފެށީ އެވެ. ފަތިހު 5:00 ހާއިރު އޭނާގެ ބަނޑުގައި މާ ގަދަޔަށް ރިއްސާފައި ވިހެއީ އޭނާ ތަދުވާތީ ހަޅޭއްލަވާ އަޑަށް އެއްވި އަންހެނުންތަކެއްގެ އެހީތެރިކަމާ އެކުގަ އެވެ.
އެ އަންހެންވެރިން އަޅައިގެން ތިބި ސާޅިތަކުން ވަގުތީ ޓެންޓެއް ހަދައިގެން ސަމަރްވަތީ ނިވާކޮށްދީ ހެދި އެވެ. ކުއްޖާ ވިހެއުމުން ފޫޅުދަނޑި ވެސް ވަޅިއަކުން ބުރިކޮށްލައިގެން ދެމައިން އަނެއްކާވެސް ގެންދިޔައީ އެ ހޮސްޕިޓަލަށެވެ.
މި ހާދިސާ ކުށްވެރިކުރަމުން ސަރުކާރު ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އާރްކޭ މެހެރާ ވިދާޅުވީ ސަމަރްވަތީ ހޮސްޕިޓަލަށް އައި ރޭ ޑިއުޓިގައި ތިބި މުވައްޒަފުންގެ ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ. އަދި ކުށްވެރިވާކަން ސާބިތުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަމަރްވަތީ އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅެވެ.