އެލައިޑުން މި އަހަރު 158 މިލިއަން ރުފިޔާ ދޫކޮށްފި
އެލައިޑުން މި އަހަރު 158 މިލިއަން ރުފިޔާ ދޫކޮށްފި

އެލައިޑު އިންޝުއަރެންސް ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި 158 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކުރީ ހެލްތު އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސަށް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނިން ގެންދަނީ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރާ ވަރު ކޮންމެ ހަފުތާއަކު ވެސް އިއުލާން ކުރަމުންނެވެ. އެގޮތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދީފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 15-19 އަށެވެ. އެ ހަތަރު ދުވަހުގެ ތެރޭގައި 13.6 މިލިއަން ރުފިޔާ ދޫކުރި އެވެ.

އޭގެ އިތުރުން މި މަހުގެ 10-14 އަށް 10.4 މިލިއަން ރުފިޔާ ދޫކުރި އެވެ. އަދި މިދިޔަ މޭ މަހުގެ 7-11 އަށް 5.5 މިލިއަން، ސެޕްޓެމްބަރު މަހުގެ 10-14 އަށް 4.3 މިލިއަން ރުފިޔާ ދޫކުރި އެވެ.

މި މުއްދަތުތަކުގެ ތެރޭގައި ވެސް އެންމެ ގިނައިން ހިމެނެނީ ހެލްތު އިންޝުއަރެންސާއި މެރިން ހަލް އިންޝުއަރެންސަށް ދޫކުރި ފައިސާ ކަމަށް އެލައިޑުން ވަނީ ބުނެފަ އެވެ.

އެލައިޑުން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އިންޝުއަރެންސްގެ ޖުމްލަ އަގު ވަނީ 120 މިލިއަން ޑޮލަރަށް (1.9 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.