12 ޖުލައި 2016 - 05:37

އަނިލް ކަޕޫރު ޕްރޮޑިއުސްކޮށް ލީޑް ރޯލު ކުޅެފައިވާ ސިލްސިލާ "24: ސީޒަން 2" ގެ އިޝްތިހާރުތައް މިހާރު ވަނީ ދައްކަން ފަށައިފަ އެވެ.
ކަލާޒް ޗެނަލްއިން މި ޖުލައި މަހުގެ 23 ވަނަ ދުވަހު ދައްކަން ފަށާ މި ޝޯގެ ފުރަތަމަ ސީޒަން ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
ޝޯގެ އިޝްތިހާރުތައް ބަލާފައި، މި ޝޯ ހައިރާންވާހާ މޮޅުކަމަށް ބުނެ ތައުރީފުކުރި މީހުންގެ ތެރޭގައި ބޮލީވުޑްގެ ދެވަނައެއް ނެތް ބަތަލު އަމީތާބު ބައްޗަން ހިމެނެ އެވެ.
"އަނިލް ކަޕޫރާއި ސިކަންދަރް ކޭރް އަށް "24" ގެ ހެޔޮއެދުންތައް ފޮނުވަން. ބަލާތި. ޝޯ ހައިރާންވާހާ މޮޅުވާނެ،" އަމީތާބުގެ ޓުވީޓްގައިވެ އެވެ.
"24" އަކީ އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "24" ގެ ކޮޕީރައިޓްސް ގަނެގެން އަނިލް އުފައްދާ އެ ޝޯގެ އެޑަޕްޓޭޝަން އެކެވެ.
މި ޝޯގެ ދެ ވަނަ ސީޒަންގައި ވެސް ފުރަތަމަ ސީޒަންގައި ފެނުނު ޖެއި ސިންގް ރާތޯޑުގެ ރޯލުން އަނިލް ފެންނާނެ އެވެ. އަނިލްގެ އިތުރުން ސިކަންދަރް އާއި އަޝިޝް ވިދްޔާރްތީ އަދި ސާކްޝީ ތަންވަރް ވެސް މި ސިލްސިލާގައި ވަރަށް މުހިއްމު ބައިތަކެއް އަދާކުރެ އެވެ.