ލުކާކޫ އާއި އިބްރަހިމޮވިޗް ބަލި އެނދަށް
ލުކާކޫ އާއި އިބްރަހިމޮވިޗް ބަލި އެނދަށް

މެންޗެސްޓާ (ޑިސެމްބަރު 31) – ކަކުލުގެ އަނިޔާއާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވަނިކޮށް އެ ޓީމުގެ އަނެއް ފޯވާޑް ރޮމެލޫ ލުކާކޫގެ ބޮލަށް އަނިޔާވެ އޭނާ ވެސް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ލުކާކޫގެ ބޮލަށް ގެއްލުންވީ ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަންއާ 0-0 އިން ޔުނައިޓެޑް އެއްވަރުވި މެޗުގެ އަށް ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ކުޅުންތެރިޔަކާ އެކު ބޯޅައިގައި ބޮލުން ޖަހަން އަރަނިކޮށް މުޑި އަރައިގެންނެވެ. އޭނާ އަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ވަނީ ބަދަލުކޮށްފަ އެވެ.

ލުކާކޫ އައީ ރޭގެ މެޗާ ހަމަޔަށް ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ކުޅެމުންނެވެ. މެޗުގެ ކުރިން މޮރީނިއޯ ބުނީ ލުކާކޫ ވަރުބަލިބެފައިވާ ކަމަށާއި އެކަމަކު އޭނާ އަށް އަރާމުކުރަން ފުރުސަތު ދީގެން ފަރުޖެހެން ނެތް ކަމަށެވެ. އެކަން އެހެން އޮއްވާ އޭނާ އާއި އިބްރަހިމޮވިޗް ވެސް ކުޅުމާ ދުރަށް ދާން ޖެހުމަކީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެވެ.

ރޭގެ އަނިޔާއާ ގުޅިގެން ލުކާކޫ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ނޭގޭ ކަމަށް މޮރީނިއޯ ބުންޏެވެ. އެކަމަކު ލީގުގައި މާދަމާ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭ ކަޕުގައި ހުކުރު ދުވަހު ޑާބީ ކައުންޓީއާ ދެކޮޅަށް ލުކާކޫ އަށް ކުޅެވިދާނެ ކަމަށް މޮރީނިއޯ ގަބޫލެއް ނުކުރެވެ އެވެ.

އިބްރަހިމޮވިޗުގެ މައްސަލަ ދިމާވީ ކުރިން ވެސް އަނިޔާވި ކަކުލަށެވެ. އެ ކަކުލުގެ ލިގަމެންޓަށް މި އަހަރު އޭޕްރިލް މަހު ލިބުނު އަނިޔާއަށް ފަހު އޮޕަރޭޝަންކޮށްގެން އޭނާ ކުޅެން ނުކުތީ އާއްމުކޮށް އެފަދަ އަނިޔާތަކަށް ފަހު ކުޅުންތެރިން ރިކަވާ މުއްދަތަށް ވުރެ އަވަހަށެވެ.

އިއްޔެގެ މެޗުގެ ސްކޮޑުގައި އިބްރަހިމޮވިޗް ނުވެސް ހިމެނެ އެވެ. ލުކާކޫ އަށް އަނިޔާވުމުގެ ކުރިން ވެސް އޭނާގެ ފޯމް ދަށްވެފައިވާތީ އިބްރަހިމޮވިޗުގެ ބޭނުން ޔުނައިޓެޑަށް އޮތީ ބޮޑުވެފަ އެވެ. އެހެންވެ އޭނާ ކުޅުމާ ދުރަށް ދާން ޖެހުމަކީ އެ ޓީމަށް ދިމާވާނެ ބޮޑު މައްސަލައެކެވެ. މި ވަގުތު އެ ޓީމުގައި ތިބި ފޯވާޑުންނަކީ މާކަސް ރަޝްފޯޑާއި އެންތަނީ މާޝިއާލް އެވެ.

ރޭގެ މެޗާ އެކު ޔުނައިޓެޑް ވަނީ ތާވަލުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެ ނަމަ އެ ޓީމާ ޔުނައިޓެޑާ ދެމެދު 17 ޕޮއިންޓުގެ ފަރަގެއް އަންނާނެ އެވެ.