31 ޑިސެމްބަރ 2017 - 07:52

މެންޗެސްޓާ (ޑިސެމްބަރު 31) –ސައުތުހެމްޓަން އާއި މެންޗެސްޓާ ޔުނައިޓެޑް 0-0 އިން އެއްވަރުވުމުގެ ފައިދާ ނަގައި ޗެލްސީން ސްޓޯކް ސިޓީ 5-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.
ޗެލްސީން 45 ޕޮއިންޓް ހަމަކޮށް ދެ ވަނަ އަށް އެރިއިރު ޔުނައިޓެޑް ތިން ވަނައިގައި އޮތީ 44 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި 41 ޕޮއިންޓާ އެކު އޮތީ ރޭ ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވި ލިވަޕޫލުވެ.
ރޭގެ ނަތީޖާތަކާ އެކު އެއް ވަނައިގައި 58 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އަށް ވަނީ އަނެއްކާ ވެސް ލީޑު ފުޅާކުރަން ފުރުސަތު ލިބިފަ އެވެ. މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެ ނަމަ ސިޓީ އަށް 16 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
އަމިއްލަ ދަނޑުގައި ސްޓޯކް އަތުން ތަފާތުބޮޑުކޮށް ޗެލްސީ މޮޅުވި މެޗުގައި ގޯލް ޖެހީ އެންޓޯނިއޯ ރުޑީގާ އާއި ޑެނީ ޑްރިންކްވޯޓާ އާއި ޕެޑްރޯ އާއި ވިލިއަން އަދި ޑޭވިޑް ޒައްޕަކޯސްޓާ އެވެ.
"މިއަދު އަހަރެމެން ނިންމާލީ ކާމިޔާބު އަހަރެއް. ކްލަބަށާއި ސަޕޯޓަރުންނަށާއި ކުޅުންތެރިންނަށާއި އަދި އަހަންނަށް ވެސް. ލީގުގައި ކުރާ ފުރަތަމަ ތަޖުރިބާގައި ލީގު ކާމިޔާބުކުރުމަކީ ފަސޭހަކަމެއް ނޫން. އެހެންވީމާ އަހަރެން ކްލަބަށް ޝުކުރުއަދާކުރަން ޖެހޭ އަހަންނަށް މި ފުރުސަތު ދިނީތީ،" ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ އެއް ވަނައިގައި އޮތް ސިޓީ އޮތީ ވަރަށް ވަރުގަދަ ފޯމެއްގައި ކަމަށާއި ޗެލްސީ އަށް އޮތީ ކޮންމެ މެޗަކުން ތިން ޕޮއިންޓް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށެވެ.
"އެއަށް ފަހު ސީޒަން ނިމޭއިރު ބަލަމާ ވާ ގޮތެއް،" ކޮންޓޭ ބުންޏެވެ.
ލެސްޓާގެ ދަނޑުގައި އެ ޓީމާއި ލިވަޕޫލް ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނެޓުގައި ޖެމީ ވާޑީ ވަނީ ލެސްޓާ އަށް ކުރި ހޯދައިދީފަ އެވެ. ލިވަޕޫލް މޮޅުވީ ފަހަތުން އަރައި މުހައްމަދު ސަލާހް ޖެހި ދެ ލަނޑުންނެވެ. މި ލަނޑުތަކާ އެކު އޭނާ ޕްރިމިއާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 17 އަށް އަރައިފަ އެވެ. ރޯމާ އިން މި ސީޒަނުގައި ލިވަޕޫލާ ގުޅުނު މިސްރުގެ ކުޅުންތެެރިޔާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.