ފަސް ކޫރުން
ފަސް ކޫރުން

ފިރިން ގަސްގަހުގައި އަޅާ ނަމަ ނުވަތަ ބާޒާރުން ގަންނަން ލިބޭ ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ މީހަކާ އިންނަން އަހަރެންގެ މައިންބަފައިން ބުނާތާ ކިތަންމެ ދުވަހެކެވެ. އަހަރެންގެ އިސްކޫލު ދައުރުގައި ވެސް އަހަންނަކީ ފިރިހެންކުދިންނާ ރައްޓެހިކަން ބާއްވާ ކުއްޖެކެވެ. ބައެއް ފަހަރު ލޯބީގެ ކުލަ ވެސް ޖެހެއެވެ. އެކަމަކު، ވަކި ހިސާބަކުން އަހަންނަށް އެ ކުއްޖަކު ކަމުނުދިޔައީމަ ރުޅިވަނީ އެވެ. އަބަދުވެސް ރުޅިވަނީ އަހަންނެވެ. އަހަންނަށް ލިބިފައިވަނީ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ކަހަލަ ސިފައެކޭ ބުނާތީ އަހަމެވެ. އެ ބުނާ ސިފަޔަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެ އެވެ. އެއް ކުއްޖަކާ އަހަރެން ރުޅިވާއިރު އަނެއް ދެ ކުދިން ކިޔުގައި ތިބެއެވެ. އެކަމަކު އަހަންނަށް ކަމުދާ ފިރިހެނަކާ ދިމައެއް ނުވެ އެވެ. ބައެއް ފަހަރު އަހަރެން ހިތަށް އަރައެވެ. އަހަރެންގެ ޒާތްކޮޅު މާ ބޮޑީ ހެއްޔެވެ؟ ޝަރުތުތައް މާ ގިނައީ ހެއްޔެވެ؟ މީހާ ނިސްބަތްވާ ރަށާއި، އެ މީހެއްގެ ތަނަވަސްކަމާއި، މަޝްހޫރު ކަމަކީ އަހަރެންނަށް މުހިންމު ކަންކަމެއް ނޫނެވެ. އަހަރެން ބޭނުންވަނީ އަހަރެންދެކެ ލޯބިވާ، ޒިންމާދާރު، ރީތި ފިރިހެނެކެވެ. އަހަރެން ހިތުން އެއީ އެންމެ ކުޑަ މިންވަރެވެ. އަހަރެންގެ ނަމަކީ ހަނާއެވެ. މިއީ، ހަޔާތުގެ ބައިވެރިޔަކު ހޯދަން އަހަރެން ކުރި ދިގު ދަތުރުގެ ވާހަކަ އެވެ.

އަހަރުމެން ގޭގައި ހަތަރު ބެއިން ތިބެއެވެ. މުޅީން ވެސް އަންހެންކުދީންނެވެ. އަހަރެން މީ ތިންވަނަ އެވެ. އެންމެ ފުރަތަމަ މީހަކާ އިނީ ދޮންތައެވެ. އަހަރެންގެ ޅިޔަނަކަށް ވީ މުބާހެވެ. އޭނައަކީ އަހަންނަށް ވުރެ ހަގު ކުއްޖެކެވެ. އަހަރެން މީ ދޮންތަ ނަމަ އެހާ ހަގު ކުއްޖަކާ ކައިވެންޏެއް ނުކުރީމުހެވެ. ދޮންތަގެ ނަޒަރުގައި އެ ކަން މައްސަލައަކަށް ނުވި އެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ފުރަތަމަ ކަމަކީ މުބާހާ މުޙާތިބު ކުރަންވީ ނަމެވެ. އޭނަގެ އުމުރު ހަގުވުމުން މުބާހަކަށް ޅިޔަންބެއެއް ނުކިޔުނެވެ.

އަހަންނަށް އެންމެ ފުރަތަމަ މުބާހު ފެނުނު ދުވަހު ވެސް މުބާހުގެ ނިޔަތާ މެދު ޝައްކު ކުރެވުނެވެ. އަހަންނަކީ ދޮންތަގެ އެއްބަނޑުއެއްބަނފާ ކޮއްކޮ އެވެ. އެކަމަކު މުބާހުގެ ލޮލުން އަހަންނަށް ފެނުނީ އެހެން ގުޅުމެކެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި މުބާހުގެ ކަޅި އަތްފުނާއެޅި އެވެ. ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. އަހަންނަށް ކުރެވުނީ ކުށްހީއަކަށް ވާށެވެ. ވާން ބޭނުންވީ އެހެން ކަމުގައި ވިޔަސް ވީ އެހެނެއް ނޫނެވެ. މީހަކަށް ނުފެންނަ ތަނުގައި އަހަންނާއި މުބާހު އެއްތަން ވެއްޖެ ނަމަ، އަހަރެންގެ ގައިގައި ނުޖެހި އޭނަޔަށް ދެވޭ ކަމަކަށް ނުވެ އެވެ. ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. އެ ވެސް ހީއެކެވެ.

މުބާހުގެ ލޮލުން ފެންނަ ވަޙްޝީކަމާއި ނިޔަތުގެ ކިލަނބުކަން ބޮޑުވާން ފެށި އެވެ. ދެ މާނަ އެކުލެވޭ ލަފުޒުތައް މުބާހު ބޭނުންކުރަން ފެށި އެވެ. އެ އަޑު ނީވޭކަމަށް އަހަރެން ހެދުމުން މުބާހުގެ ލަދުވެތި ލަފުޒުތައް ތަކުރާރުކުރަން ފެށި އެވެ. ނޫނެކެވެ. ހިތާހިތުން އަހަރެން ބުނީމެވެ. ހިރަފުހުގެ ދަރަޖައަށް ނުވެއްޓޭށެވެ. އެއް ފަހަރު ވެސް މީހެއް ދެކެ އަހަރެން ފޫހިވެއްޖެއްޔާ ޚުދު އަހަންނަށް ވެސް އެ ކަން ބަދަލެއް ނުކުރެވޭނެ އެވެ. ޢާއިލާގެ އެއްވެސް މީހެއް ގާތަކު އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. އަހަރެންގެ ސަބަބުން މައްސަލަޖެހެން ބޭނުން ނުވާތީ އެވެ. މުބާހާ ދުރުދުރުން އަހަރެން އުޅުނީމެވެ. އެ "ޖަވާބުން" މުބާހަށް ފުދޭނެކަމަށް ހީކުރީމެވެ. އެ އުންމީދުގައި ހުއްޓައި، އަހަރެންގެ ހަށިގަނޑު ދަގަނޑަށް ބަދަލުވެފައި މުބާހުގެ އަތް ދަގަތްފާނަށް ބަދަލުވި އެވެ. ދޮންތަ ކޮޓަރިއަށް އަހަންނަށް ވަދެވުނީ ދޮންތަ ނެތް ވަގުތެއްގަ އެވެ. ފަހަތުން އައި މުބާހު ކޮޓަރިއަށް ވަދެފައި ދޮރު ތަންޑު އެޅިއެވެ. ހަޅޭއްލަވައިގަންނާކަށް އަހަންނަކަށް ނުކެރުނެވެ. ދޮރު ހުޅުވަން ދިމާކުރުމުން އަހަރެންގެ ދެ އަތުގައި ހިފެހެއްޓި އެވެ. ފުރަތަމަ ކުރީ ހަރަކާތެވެ. ދެން ބަހުރުވައެވެ. އެންމެ ފަހުން އަތުގައި ވެސް ހިފީ އެވެ.

"ދޫކުރޭ!" ވައިއަޑުން ނިކަން ބާރަށް އަހަރެން ބުނީމެވެ. "އެހެން ނޫނީ ހަޅޭއްލަވައިގަންނާނަން."

"އޯކޭ!" މުބާހު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ވަން، ޓޫ، ތްރީ! ގޯ! ހަޅޭއްލަވައިގަނޭ!"

އަަހަންނަކަށް ނުކެރުނެވެ. މުބާހު ވަރަށް ރަނގަޅަށް އަހަރެން ދަސްކޮށްފި އެވެ.

ކޮން ވައްތަރަކަށްތަ ތި އުޅެނީ؟" އަހަރެން ބުނީމެވެ.

"ހަނާ ކޮން ވައްތަރަކަށްތަ ތި އުޅެނީ؟" މުބާހު ވެސް ކުރީ ސުވާލެކެވެ. "ކިހާ ދުވަހެއް ވެއްޖެ ހަނާއަށް އެއްޗެއް އަންގަން އުޅޭތާ! ކީއްވެގެންތަ ނޭނގޭކަމަށް ތި ހަދަނީ؟ ތި ވައްތަރަށް ނޫޅެބަލަ! ދޮންތަ ގޭގަ ނެތިއްޔާ ހަނާ ވެސް ޖެހޭނެއްނު އަހަންނަށް ކެއާކުރަން."

މުބާހުގެ ފޯނު ރަނގަބީލުވީ އެ ވަގުތު އެވެ. ނަސީބަކުން ދޮންތަގެ ކޯލެކެވެ. އެ ކޯލު ނައި ނަމަ އެ ދުވަހު އަހަރެން ސަލާމަތް ވާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެ އެވެ. އެހާ ފާޅުގައި މުބާހު ހަމަލަދިނުމުން ވެސް ދޮންތަ ގާތުގައި އެ ވާހަކަ ބުނާކަށް ނުކެރުނެވެ. އަހަންނަށް ވިސްނާލެވުނީ ދޮންތަގެ ހިތަށް ކުރާނެ އަސަރަކާ މެދުގަ އެވެ. ދެން ވެސް އެ ކަން ސިއްރު ކުރީމެވެ. އެތައް ދުވަހަކު އެ ގޮތުގައި ހުރީމެވެ. އެއީ، ނުސީދާ ގޮތުން މުބާހަށް ދެވުނު ހިތްވަރެކެވެ. އެހެންނޫން ނަމަ، އޭނަގެ ފޯނުން ފާޑުފާޑުގެ މެސެޖު އަހަންނަށް ފޮނުވާކަށް މުބާހަކަށް ނުކެރުނީހެވެ. އަހަރެން އެ ނަންބަރު "ބްލޮކް" ކޮށްލީމެވެ. އެހެންނަމަވެސް، އެއް ގެޔެއްގައި އުޅެންޖެހުމާއި، އެއް ތަށިމަތިން ކައިބޮއިހަދަން ޖެހުމުން އަހަންނަކަށް ސަލާމަތެއް ނުވެވުނެވެ. އެ ހުރިހައިކަމެއް ހިއްސާކުރެވޭ ހަމައެކަނި މީހަކީ ސަމީރާ އެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ދޮންތަ ގާތުގަ ބުނެބަލަ!" ސަމީރާ ވަރަށް ހިތްވަރު ދިނެވެ. "އެއްފަހަރުން މުބާހު ސައިޒަށް ކަނޑައިލަބަލަ! ތިހެން ކިހިނެއް އުޅޭނީ؟"

"ދޮންތަ ގަބޫލުނުކޮށްފިއްޔާ ޔޯ؟" އަހަރެން ބުނީމެވެ. "އަހަންނާ ހެދި ގޭގަ ބޮޑު މައްސަލަގަނޑެއް ޖެހި އެންމެ ފަހުން ދޮންތަ ޑިވޯސްކޮށްފިއްޔާ ޔޯ؟ މާލެތެރެއަށް އަޑުއަރައިފިއްޔާ ޔޯ؟"

"ތިހެން ޔޯޔޯ ކުޅެން ހުއްޓާ ދޮންތަ ޕްރެގް ވެއްޖެއްޔާ ޔޯ؟" ސަމީރާ ސުވާލުކުރި އެވެ. "އޭރުން ދެން ދޮންތަ އުޅެފާނެ ތި ކަން ސިއްރުކުރަން. އޭރުން އެ ވީ ބައި ވަން ގެޓް ވަން ފްރީ. އިނީ ދޮންތަޔާ ހަނާ އެ ލިބުނީ ހިލޭ."

އަހަރެންގެ ލޯ ހުޅުވުނީ އެ ދުވަހު އެވެ. ވަރަށް ހިތްވަރުކޮށްފައި ދޮންތަ ގާތުގައި އެ ވާހަކަ ބުނަން އައީމެވެ. އެ ދުވަހު ދޮންތައާއި މުބާހު ތިބީ ތަތްލައިފަ އެވެ. އަހަންނަކަށް ދަނޑިވަޅެއް ނުލިބުނެވެ. އެހެން އުޅެނިކޮށް އޮފީސް ދަތުރެއްގައި އަހަރެން ރަށުން ބޭރަށް ފުރަން ޖެހުނެވެ. މެލޭޝިޔާގައި އަހަރެން ހުއްޓައި ދޮންތަ ބަނޑުބޮޑުވި ޚަބަރު ލިބުނެވެ. އޭރު އަހަރެން އިނީ ބަހުގަ އެވެ. ހޮޓަލަށް ދެވުނުއިރު ވެސް އިސްޖަހައިލައިގެން އަހަންނަށް އިނދެވުނީ އެވެ. އަހަންނަށް ލަސް ނުކުރެވުނު ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ.

ދޮންތައަށް ކުއްޖަކު ލިބެން އުޅޭތީ ދޮންތަ ވަރަށް އުފާވި އެވެ. ޢާއިލާގެ އެންމެން ވެސް ހަމަ އެ ފަދަ އެވެ. އަހަރެން ފިޔަވަ އެވެ. މުބާހުގެ ގޮތްކުޑަ ކަމަށް އެއްވެސް ބަދަލެއް ނައެވެ. ކޮންމެ ދުވަހަކު މުބާހަށް ފިލަން ދުވެދުވެ އަހަރެން ވަރުބަލިވި އެވެ. ގޭގެ ހަތަރު ފާރުން އެތެރެއަކީ ސިންގާ ކޮށްޓެއްކަމަށް ބަލައިގެނެއް އަހަންނަކަށް ނޫޅެވުނެވެ. އެންމެ ފަހުން ކެތް ނުވެގެން ދޮންތަ ގާތުގައި އެ ވާހަކަ ބުނީމެވެ. އަހަރެން ހީކުރި ވަރުގެ ބޮޑު ޝޮކެއް ދޮންތައަށް ލިބުނެވެ.

"މުބާހުގެ ބޮލުގަ ހަނާއަށް ތި އެޅުވެނީ ވަރަށް ބޮޑު ތުހުމަތެއް އިނގޭ!" ދޮންތަ ހަނދާން ކޮށްދިނެވެ.

"ތުހުމަތެއް ނޫން،" ފޯނު ދައްކައިލަމުން އަހަރެން ބުނީމެވެ. "ސާބިތު ވެސް ކޮށްދޭނަން."

ދޮންތަ ފޯނު ބަލަމުން ދިޔައިރު ދޮންތަގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އަހަރެންނަށް ފެނުނެވެ. ހިތަށް ވަރަށް ތަދުވި އެވެ. ހުރިހައި އެއްޗެއް ބަލައި ނިމިގެން ދޮންތަ އިރުކޮޅަކު އިސްޖަހައިލައިގެން އިނެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން." ދޮންތަ މަޑުމަޑުން ބުނެލި އެވެ.

ދޮންތަ ގަބޫލު ނުކުރީކީ ނޫނެވެ. ގަބޫލުކުރަން ބޭނުން ނުވީ އެވެ. ތިމާއަށް ވުރެ ޒުވާން ފިރިމީހާޔާ އަރާރުންވާން ނުކެރުނީ އެވެ. ދަރިޔަކު ލިބެން އުޅެނިކޮށް ވަރިކޮށްފާނެތީ ބިރުގަތީ އެވެ. އެއީ ވެދާނެ ކަމަށް ހީކުރެވުނު ގޮތެކެވެ. އިތުރަށް ސާބިތުކޮށްދޭން އަހަރެން މަސައްކަތް ނުކުރީ އެހެންވެ އެވެ.

"އަހަރެން ވަރަށް ރަނގަޅަށް މުބާހު ދަންނަން،" ފޯނުގައި ހުރި ހެކިތައް ފުހެމުން ދޮންތަ ބުންޏެވެ. "އޭނަ ނުކުރާނެ ތި ކަހަލަ ކަމެއް. މީހަކު ބަދުނާމު ކުރުމުގެ ކުރިން ހަނާ ވެސް ވިސްނާލަން ވާނެ ދޯ!"

މުބާހުގެ ވަފާތެރިކަމާ މެދުގައި ދޮންތައަށް އެއްވެސް ޝައްކެއް ނެތް ނަމަ، ހެކިތައް ފުހެލީ ކީއްވެގެން ހެއްޔެވެ؟ ވީކަމެއް ނުވާ ކަމަކަށް ހެދުމަކީ ދޮންތަ ހީކުރާ ވަރުގެ ފަސޭހަކަމެއް ނޫނެވެ. ހަމަހިމޭންކަމާއެކު އަހަރެން ކޮޓަރިން ނުކުތީމެވެ. އެ ހުރިހައި ވާހަކައެއް މުބާހު ގާތުގައި ދޮންތަ ދެއްކި ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ. ހުރިހައި އުނދަގުލެއް ޖެހުނީ އަހަންނަށެވެ. އަހަރެން ކައިބޮއިހަދަން ޖެހެނީ ވެސް މުބާހު ގޭގައި ނޫޅޭ ވަގުތުތަކުގަ އެވެ. އެހެން ނޫނީ އަހަރެން ކާގެ އަށް ވަންނަކަން އެނގޭއިރަށް އޭނަ އާދެ އެވެ. ފެންބޯންކަމަށް ހެދިގެންނެވެ. ކާން ހުރީ ކޯޗެއްތޯ ބަލަންވެގެންނެވެ. ލަދުހަޔާތުގެ ޒައްރެއްގެ މިންވަރު ވެސް އޭނަގެ ނުހުރެ އެވެ. އަހަންނަށް އޮތީ އެންމެ ގޮތެކެވެ. ދާނެ ތަނެއް ހަމަޖައްސައިފައި ގެއިން ނުކުތުމެވެ. އޭގެ ކުރިން، އިންނާނެ މީހަކު ހޯދުމެވެ. އޭގެ ވެސް ކުރިން މީހަކު ދެކެ ލޯބިވުމެވެ. ހިތާމައަކީ އެއީއެވެ. ލޯތްބަކަށް އަހަންނަކަށް ވަގުތެއް ނެތެވެ.

ސިފަ ރީތިވުމަކީ ބައެއް ފަހަރު ހިތްދަތި ކަމެކެވެ. ލޯބީގެ ދަޢުވަތުތަކަށް ހުރަސްއެޅޭ ކަމެކެވެ. ފިރިހެނުންނަށް ހީވަނީ، ސިފަ ރީތި ކޮންމެ އަންހެންކުއްޖަކީ އެހެން މީހެއްގެ މިލްކެއް ހެންނެވެ. ވީމާ، ދުރުމިއެއް ހިފައިގެން ނުކުންނަން ޖެހުނީ އަހަންނެވެ. ގަޔާވާ ފިރިހެނުން އެއްތަނަކަށް އެއްކޮށްފައި، އޭގެ ތެރެއިން މީހަކު ހޮވާކަށް ވަގުތެއް ނެތެވެ. އެންމެ ފުރަތަމަ ދުރުމިއަށް އެރި މީހާ ގެނެސް ހިތުގެ ކަނެއްގައި ބޭންދީ އެވެ. އަހަރެންގެ ހިތް ނަގައި އޭނައަށް ވެދުންކުރީ އެވެ. އޭނަގެ ނަމަކީ އަޔާޒެވެ. އޮފީސް ކުއްޖެކެވެ. އަހަންނަށް ވުރެ އިސްކޮޅުން ދިގު ނަމަވެސް، އަހަރެން ބޭނުންވި ގިނަ ސިފަތައް އަޔާޒުގެ ހުއްޓެވެ. އެކަމަކު ވަރަށް ކަމުނުދާ އެއް ސިފަ ހުއްޓެވެ. ----ނުނިމޭ