ޝަހިންދާގެ ދިފާއުގައި ނަޝީދު ވާހަކަ ދެއްކުމުން ކަންބޮޑުވޭ: ޕީޕީއެމް
ޝަހިންދާގެ ދިފާއުގައި ނަޝީދު ވާހަކަ ދެއްކުމުން ކަންބޮޑުވޭ: ޕީޕީއެމް

ޑިމޮކްރަސީ ނެޓްވޯކްގެ ރައީސް ޝަހިންދާ އިސްމާއިލް، އިސްލާމް ދީނާ ޚިލާފް ޓްވީޓެއް ކުރި ކަމަށް ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ބަލަން ފެށުމުން އެކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވުމުން ޕީޕީއެމުން އެކަން ކުށްވެރިކޮށްފި އެވެ.

ޝަހިންދާގެ ޓްވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފެށީ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ މާތްﷲ ކަމަށާއި އެހެން ނޫން ނަމަ އެހެން ދީންތައް ނޯންނާނެ ކަމަށް ވިދާޅުވެ އޭނާ ޓްވީޓެއް ކުރުމުންނެވެ. އެ މައްސަލަ ފުލުހުން ބަލަން ފެށުމުން، އެކަމާ ދެކޮޅަށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުޖްތަމައުގެ ހައްގުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް، އަމިއްލަ އަށް ޝައިހުން ކަމަށް ހެދިގެން އުޅޭ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަން ކުށްވެރިކޮށް، ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަހިންދާގެ ޓްވީޓްގެ ދިފާއުގައި ކުރީގެ ރައީސަކު ނިކުމެވަޑައިގެން ކުރައްވާ މަސައްކަތް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި ދީނާ ޚިލާފް ވާހަކަތަކެއް ކުރީގެ ރައީސަކު ދެއްކުވުމުން، އެ މަނިކުފާނާ އެކު ތިއްބެވި އެއްވެސް ލީޑަރަކު އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ، ހަނު ތިއްބެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި އެވެ. އަދި އެކަމާ ދެކޮޅަށް އެއްޗެއް ނުބުނުމަކީ އެފަދަ ވާހަކަތަކަށް ތާއީދު ކުރުން ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި އިދިކޮޅު ޕާޓީތަކުގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތައް ހަނު ތިއްބެވުމަކީ ކުރީގައި ރައީސްކަން ކުރައްވާފައިވާ ފަރާތުން އެ ކުރާ މަސައްކަތަށް ތާއީދުކުރާ މަސައްކަތެއް ކަމުގައި ވެސް މި ޕާޓީން ދެކެމެވެ،" ނަޝީދުގެ ނަން ފާހަގަ ނުކޮށް، އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް އެފަދަ ވާހަކަތައް އެ ބޭފުޅާ ދައްކަވާފައި ހުރިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ގުރުއާނާއި ހަދީސް ނޫން އެހެން އެއްޗެއް ބޭނުން ކަމަށް ވިދާޅުވުމާއި އިސްލާމީ ޝަރީއަތް ގާއިމް ނުކުރަން އެ މަނިކުފާނު ގޮވާލާފައި ހުރި ކަމަށް އެ ބަޔާނުގައިވެ އެވެ.