06 ޖެނުއަރީ 2018 - 06:10

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ "ނާގިން" ފްރެންޗައިސްގެ ސިލްސިލާތަކަށް އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބެ އެވެ. މިހާރު "ނާގިން"ގެ ދެ ސީޒަނެއް ދައްކާފައިވާއިރު މި ޝޯ އަބަދުވެސް ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ)ގެ އެންމެ ކުރި ހޯދަ އެވެ. މާނައަކީ އިންޑިޔާ މީހުން އެންމެ ގިނައިން ބަލާ ޝޯ އަކީ މި ޝޯ އެވެ.
މި ސިލްސިލާގެ ފުރަތަމަ ދެ ސީޒަންގައި ވެސް "ނާގިން" ނުވަތަ ހަރުފައިގެ ރޯލު ކުޅެފައިވަނީ މޯނީ ރޯއީ އާއި އަދާ ޚާން އެވެ. ނަމަވެސް ތިން ވަނަ ސީޒަންގައި ބަތަލާގެ ބައި ކުޅެން ހަމަޖެހިފައިވަނީ ސަންޖީދާ ޝޭޚް ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.
ތަފާތު ސަބަބުތަކާ ހެދި މޯނީ އާއި އަދާ "ނާގިން 3"ގައި ބައިވެރިނުވާން ނިންމި ހިސާބުން ޝޯގެ ބަތަލާއަކަށް ހަމަޖައްސާނެ ތަރިއަކާ މެދު ތަފާތު ގޮތްގޮތަށް އަޑުތައް ފެތުރުނެވެ. ނަމަވެސް އިންޑިއާގެ ޑީއެންއޭ ނޫހުން ވަނީ ސަންޖީދާ މި ޝޯ ކުޅެން ސޮއިކޮށްފައިވާކަން ޔަގީން ކަމަށް ބުނެފަ އެވެ.
މިއީ ދެ ބަތަލާއިން އުޅޭ ޝޯއަކަށް ވާތީ ދެ ވަނަ ބަތަލާއަކަށް ހަމަޖައްސަން ސުރުބީ ޖޯތީއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ސަންޖީދާ އަކީ ޓީވީ ސިލްސިލާތަކަށް އާ މޫނެއް ނޫނެވެ. އޭނާ އެންމެ ފުރަތަމަ ބަތަލާގެ ބައި ކުޅުނީ އެކްތާ ޕްރޮޑިއުސްކުރި "ކިޔާ ހޯގާ ނިންމޯ ކާ" ގަ އެވެ. އޭގެ ފަހުން "ކިޔާ ދިލް މޭ ހޭ" އާއި "ގަޔާމަތު" އަދި ސްޓާ ޕްލަސްގެ "ލަވް ކާ ހޭ އިންތިޒާރް" ވެސް ކުޅެފައިވެ އެވެ.