01 ޖެނުއަރީ 2018 - 08:45

އިންޑިޔާގެ ހައިދަރުއާބާދުން ސަލާންޖަހާ މީހަކު ފެނިއްޖެ ނަމަ އެކަން ކަމާ ބެހޭ އޮފިޝަލުންނަށް އަންގާ ކޮންމެ މީހަކަށް 500 ރުޕީސްގެ އިނާމެއް ދޭނެ ކަމަށް، ތެލަންގަނާ ޕްރިޒަންސް ޑިޕާޓްމަންޓުން އިއުލާން ކޮށްފި އެވެ.
މި ގޮތަށް ނިންމީ ސަލާންޖަހާ މީހުން ނެތް ސަހަރަކަށް ހައިދަރުއާބާދު ހެދުމުގެ މަސައްކަތުގެ ދަށުންނެވެ.
ތެލަންގަނާ ޕްރިޒަން ޑިޕާޓްމަންޓްގެ ޑީޖޭ ވީކޭ ސިންގް ވިދާޅުވީ މަގުމަތިން ސަލާންޖަހާ މީހަކު ފެނިއްޖެ ނަމަ ކަމާ ބެހޭ އޮފިޝަލުންނަށް އެކަން ރިޕޯޓް ކުރުމުން ޖެހިގެން އަންނަ ދުވަހު 500 ރުޕީސްގެ އިނާމެއް ލިބޭނެ ކަމަށެވެ.
އެ ސިޓީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަލާން ޖަހާ މީހުންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތު ފޯރުކޮށްދޭށެވެ.
"އަހަރެމެން މިދަނީ ހަ ޕެޓްރޯލް ޕަމްޕާއި މުޅިން އާ ހަ އަޔުރްވެޑިކް އަވަށް އިމާރާތްކުރަމުން. ސަލާންޖަހާ މީހުންގެ ތެރެއިން އެކި މަސައްކަތްތައް ދަންނަ މީހުންނަށް މި ތަންތަނުން ވަޒީފާ ހަމަޖައްސާދެވޭނެ. އަދި މަސައްކަތެއް ނުދަންނަ މީހުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގޭނެ،" އޭނާ ވިދާޅުވި އެވެ.
ގްރޭޓާ ހައިދަރުއާބާދު މުނިސިޕަލް ކޯޕަރޭޝަނާއި ޕޮލިސް ޑިޕާޓްމަންޓްގެ އެހީތެރިކަމާ އެކު މިހާތަނަށް 741 ފިރިހެނަކަށާއި 311 އަންހެނަކު ސަލާން ޖެހުމުން ވަނީ ސަލާމަތްކޮށްދީފަ އެވެ. އޭގެ ތެރެއިން 476 ފިރިހެނަކާއި 241 އަންހެނަކު އަލުން ސަލާންޖަހަން ނުނިކުންނަން ޝަރުތުކޮށް ދޫކޮށްލާފައިވެ އެވެ.
ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިކޮށްފައި ވަނީ 265 ފިރިހެނަކާއި 70 އަންހެނަކާއި ދެ ކުއްޖެކެވެ.
"ސަލާން ޖަހާ މީހުންނަށް އާއިލާއާ އެކު ދިރިއުޅޭނެ ތަނެއްގެ އިންތިޒާމް ވެސް ވަރަށް އަވަހަށް ހަމަޖައްސައިދޭނަން. އަހަރެމެން މި ކުރާ މަސައްކަތުގެ މަގްސަދަކީ ސަލާންޖަހާ މީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން،" ސިންގް ވިދާޅުވި އެވެ.
"މި ސްޓޭޓްގެ މަގުތައް މަތީގައި ސަލާން ޖަހަން އެއްވެސް މީހަކަށް އުޅެން ނުޖެހުން."