31 ޑިސެމްބަރ 2017 - 06:45

ފުލުހުންގެ ދުރު ވިސްނުމުގެ ސަބަބުން ވެސް އިންޑިޔާގައި ސަލާމަތްކުރެވޭ މީހުން މަދެއް ނޫނެވެ. ބޮޑެތި ކާރިސާތަކުގައި ވެސް އެ މީހުންގެ ދުރުވިސްނުމާ އެކު ވަރަށް ގިނަ ބަަޔަކު މަރުން ސަލާމަތް ކުރެވިފައި އެބަ ހުއްޓެވެ. ދާދި ފަހުން ހިނގި މިފަދަ ހާދިސާއެއްގައި އިންޑިޔާގެ ދިއްލީގެ ފުލުހެއްގެ ދުރުވިސްނުމުން މީހަކު ވަނީ މަރުން ސަލާމަތް ކޮށްފަ އެވެ.
އަމިއްލައަށް މީހަކު މަރުވެގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ދިއްލީ ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ސަންޖޭ ކުމާރު އެމީހާގެ ގެއަށް ޒިޔާރަތްކުރި އެވެ. އޭރު އެގޭގައި އެންމެން ތިބީ ރޯށެވެ. "މަރުވި" ޒުވާނާ ދަން ޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ބައްޕަ އަށެވެ.
ދަން ޖެހި މަރުވި ގޮތް ބެލުމުގެ ތެރޭގައި ފުލުސް އޮފިސަރަށް ވަރަށް މުހިއްމު ކަމެއް ފާހަގަކުރެވުނެވެ. އެއީ މީހަކު ދަން ޖެހިގެން މަރުވާ ވަރުގެ އުސްމިނެއް އެތަނުގައި ނެތުމެވެ. ދަން ޖެހިފައިވާ ހިސާބުން އެ މީހާގެ ފައި ތަޅުންގަނޑުގައި ނުޖެހޭނެ އެއްވެސް ގޮތެއް އޮފިސަރަކަށް ނުވިސްނުނެވެ.
އޭރު އާއިލާއިން ދިޔައީ "މަރުވި" މީހާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދަމުންނެވެ. ބާއްވާފައި އޮތް މީހާގެ އަތުގައި، ކުމާރު ގޮސް، ހިފާ ވިންދު ޖަހާތޯ ޗެކްކުރި ވަރަށް ކުޑަކޮށް ވިންދު ހުއްޓެވެ. އެހާ ހިސާބުން އެމީހާ މަރުނުވާ ކަން ޔަގީންވި އެވެ.
ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެމްބިއުލަންސްގައި އޭނާއަށް ސީޕީއާރު ދިނެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އޭނާގެ ފުރާނަ ސަލާމަތް ކޮށްފަ އެވެ.
ޑޮކްޓަރުން ބުނީ ސިއްހީ ކުއްލި އެހީ ހޯދުން ކުޑަ އިރުކޮޅަކަށް ލަސްވި ނަމަވެސް އޭނާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ނޯންނާނެ ކަމަށެވެ.
ސަންޖޭ ކުމާރުގެ ވިސްނުންތެރިކަމަށް ފުލުހުން ވެސް ވަނީ ތައުރީފުކޮށްފަ އެވެ.