11 ޖުލައި 2016 - 09:15

ބޮލީވުޑް ބައެއް ފިލްމުތަކުންނާއި ޑާންސްތަކުން ފެނިފައިވާ ބަތަލާ މަލައިކާ އަރޯރާ ޚާން މިހާރު ހުރީ ޗުއްޓީއެއްގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ފޯ ސީޒަންސް ހޮޓެލްސް، ކުޑަ ހުރާގަ އެވެ.
މަލައިކާ ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމްގައި މި ރިސޯޓުގައި ޗުއްޓީ ހޭދަކުރާކަން ޔަގީންކޮށްދީފަ އެވެ. އަދި އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ވެސް މަލިކާ މިހާރު ދަނީ އިންސްޓަގްރާމް ކުރަމުންނެވެ.
އެގޮތުން ފޯ ސީޒަން ކުޑަ ހުރާގެ ނަން ބޯޑާއި އިރުއޮއްސޭ މަންޒަރު ކޮޓަރިން ފެންނަ ގޮތް ވެސް ޕޯސްޓް ކޮށްފައިވެ އެވެ. އަދި ޖެޓީ މަތީގައި އޭނާގެ ދެފައި ފެންނަ ގޮތަށް ދުރުން ކުޑަ ހަޓެއް ފެންނަ މަންޒަރެއް ވެސް މަލިކާ ޕޯސްޓްކޮށްފައިވެ އެވެ.
"ބަޔާންނުކުރެވޭހާ ރީތި ތަނެއް،" މަލިކާ ޕޯސްޓްކުރި ފޮޓޮއެއްގައި އޭނާ ލިޔެފައިވެ އެވެ.
މަލައިކާ އަކީ އޭނާގެ ފެޝަން އާއި ސްޓައިލަށް ވަރަށް މަޝްހޫރު ތަރިއެކެވެ. އެގޮތުން އޭނާ އަޅާ ތަފާތު ހެދުންތަކަކީ ގިނަ ބައެއްގެ ލޮލުގައި ވަރަށް އަޅައިގަންނަ އަދި ބައެއް މީހުންނަށް ވަރަށް ކަމުދާ ހެދުން ތަކެކެވެ.
މަލައިކާގެ މި ދަތުރުގައި ފިރިމީހާ އަރްބާޒް ޚާން ބައިވެރިއެއް ނުކުރެ އެވެ. އަދި އެ ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ވެސް ބައިވެރިއެއް ނުކުރެ އެވެ.
މަލައިކާ އާއި އަރްބާޒްގެ ކައިވެނީގައި މައްސަލަޖެހި ދެ މީހުން ވަރިވާން އުޅޭކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް އަރްބާޒްގެ ބޭބެ އަދި ފިލްމީ ތަރި ސަލްމާން ޚާންގެ ގޭގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް އީދު ފާހަގަކުރުމުގައި މަލައިކާ އާއި އަރްބާޒް އެކުގައި ބައިވެރިވެފައިވާތީ މި ދެ މީހުން އަލުން ސުލްހަވާން އުޅޭކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް މިހާރު ލަފާ ކުރެވެނީ އަރްބާޒް އަށް ދެ ވަނަ ފުރުސަތެއް ދޭކަށް މަލައިކާ ތައްޔާރު ނޫން ކަމެވެ.
މަލައިކާ ދިވެހިރާއްޖެއަށް ޗުއްޓީއަށް މިއައީ ކަލާޒް ޗެނަލްގެ "އިންޑިއާޒް ގޮޓް ޓެލެންޓް"ގެ ޖަޖްކަން ކުރުމަށްފަހު އެވެ. އެ ޝޯގެ ގްރޭންޑް ފިނާލޭ ދައްކާފައިވަނީ އާދިއްތަ ދުވަހުގެ ރެ އެވެ. ބެލެވޭ ގޮތުގައި މަލައިކާ ރާއްޖެ އައީ އެ ޝޯ ޝޫޓްކުރުމަށްފަހުގަ އެވެ.