"ޕަދްމާވަތީ"ގެ ނަން ބަދަލުކުރަން އެއްބަސްވެއްޖެ
"ޕަދްމާވަތީ"ގެ ނަން ބަދަލުކުރަން އެއްބަސްވެއްޖެ

ޑައިރެކްޓަރުު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އިންޑިއާގައި އެޅުވޭނެކަން އެންމެ ފަހުން ޔަގީން ވެއްޖެ އެވެ.

ފިލްމު ފާސްކޮށްދޭން އިންޑިޔާގެ ސެންސަރު ބޯޑުން ހޮނިހިރު ދުވަހު ނިންމީ ބައެއް ބަދަލުތައް ގެންނަން އުފެއްދި ފަރާތުން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި ފިލްމުގެ ނަން ބަދަލުކުރުން ވެސް ހިމެނެ އެވެ.

ފިލްމަށް ޔޫއޭ ސެޓްފިކެޓް ދޫކުރަން ސެންސަރު ބޯޑުން ނިންމިކަން އިއުލާންކުރީ ބޯޑުން ކުރި ޓުވީޓަކުންނެވެ.

ސެންސަރު ބޯޑުން މިގޮތަށް ނިންމީ ބޯޑުގެ މެމްބަރުންނާއި ޚާއްސަ ކޮމެޓީ އަދި ޚާއްސަ އެޑްވައިޒަރީ ޕެނަލްއަކުން ފިލްމު ބެލުމަށް ފަހުގަ އެވެ.

ފިލްމުގެ ނަމުގެ އިތުރުން ދެން ގެންނަން ޖެހޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޑިސްކްލެއިމާ ބަދަލުކުރުން ވެސް ހިމެނެ އެވެ. އެގޮތުން "ސަތީ"ގެ ނަމުގައި ކުރީ ޒަމާނުގައި ކުރަމުން އައި ކަންތައް ރަނގަޅު ކަމެއްގެ ގޮތުގައި ދައްކަން ފިލްމުގައި މަސައްކަތް ކޮށްފައި ނުވާނެ ކަމަށް "ޑިސްކްލެއިމާ"އަށް އިތުރު ކުރަން ޖެހެ އެވެ. ދީޕިކާ ޕަދުކޯން ނަށާ "ގޫމަރް" ލަވަ، ފިލްމުގައި ދައްކާ ކެރެކްޓާ އަށް ފިޓްވާ ގޮތަށް ބަދަލުކުރަން ވެސް ވަނީ އެއްބަސްވެފަ އެވެ.

ސެންސަރު ބޯޑުން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ ފިލްމާ މެދު ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތައް ހުރުމުގެ ސަބަބުން އެ ހުރިހާ ކަމަކަށް ވަރަށް ރަނގަޅަށް ބަލާ ތަޖުރިބާކާރުންގެ ޚިޔާލު ހޯދި ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ހާޒިރުގައި ފީޑްބެކް ސެޝަންއެއް ބާއްވާ ފިލްމުން ބަދަލުކުރަން ޖެހޭ ތަންތަން އޭނާއަށް ކިޔައިދީފައިވާނެ ކަމަށާއި މިގޮތަށް ބަދަލުތައް ގެންނަން ބާންސާލީ އެއްބަސް ވެފައިވާ ކަމަށް ވެސް ސެންސަރު ބޯޑުން ބުންޏެވެ.

"ފިލްމު ފާސްކޮށްދިން ކަމުގެ ލިޔުން ދޫކުރެވޭނީ ސެންސަރު ބޯޑުން ގެންނަން އެންގި ބަދަލުތައް ގެނައުމަށް ފަހު ފިލްމު އަލުން ހުށަހެޅުމުން،" ބަޔާނުގައިވެ އެވެ.

ޚާއްސަ ޕެނަލްއެއް ނަގައިގެން ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އަމީތާބު ބައްޗަންގެ "އާރަކްޝަން" އާއި ރިތިކް ރޯޝަން އާއި އައިޝްވަރިޔާ ރާއީގެ "ޖޯދާ އަކްބަރު" ވެސް ފާސްކޮށްދިނީ ޚާއްސަ ޕެނަލެއް އެކުލަވާލައި އެ ޕެނަލްގެ އިރުޝާދުގެ މަތިންނެވެ.

ބާންސާލީގެ އާ ފިލްމު ބިނާކުރީ އިންޑިއާގެ މަޝްހޫރު ސޫފީ ޝާއިރެއް ކަމަށްވާ މަލިކު މުހައްމަދު ޖަޔާސީ ލިޔުނު "ޕަދްމާވަތު" ކިޔާ ޅެމެއްގައިވާ ޚިޔާލީ ޝަޚްސިއްޔަތެއް ކަމަށްވާ ރާނީ ޕަދްމިނީގެ ވާހަކައިގެ މައްޗަށެވެ. ތާާރީޚީ އިލްމުވެރިން ބުނާ ގޮތުގައި ޕަދްމިނީ އަކީ އަސްލު މީހެއް ނޫނެވެ. އެކަމަކު މިއީ ހަގީގަތުގައި ވެސް ކުރީ ޒަމާނުގެ ހިންދޫންގެ ރާނީއެއް ކަމަށް ބުނެ އިންޑިޔާގެ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ފިލްމު ރިލީޒްކުރުމާ ދެކޮޅަށް ހަޅުތާލުކޮށް، ފިލްމުގެ ތަރިންނަށް މަރުގެ އިންޒާރުތައް ވެސް ދީފަ އެވެ.

"ޕަދްމާވަތީ" ރިލީޒްކުރުން އިންޑިޔާގެ ބައެއް ސްޓޭޓްތަކުގައި ވަނީ މަނާކޮށްފަ އެވެ.