11 ޖުލައި 2016 - 09:21

އިސްލާމީ މަރުކަޒުގެ ވަށައިގެން ޖެހީ މާބުލް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ރެނދުލައި ފަޅިފަޅިވެފައި ވަނީ ބައެއް ސަރަހައްދުތަކުގައި ޖެހި އާދައިގެ ތަށިމުށީގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޗައިނާ ސަރުކާރުން ހިލޭ ދިން މާބުލްގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ކުލަކުލައިގެ ތަށިމުށި ޖަހައިފަ އެވެ. އެކަމަކު އެ ސަރަަހަައްދުގައި އެއްވެސް ވަރަކަށް ތަށިމުށި ޖަހާނެ ވާހަކަ ހައުސިން މިނިސްޓްރީން ކުރިން ބުނެފައެއް ނުވެ އެވެ.

މާބުލް ޖެހުމަށް ފަހު އެތަން ބޭނުންކުރަން ފެށުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި މިނިސްޓްރީން ބުނެފައި ވަނީ އިސްލާމީ މަރުކަޒު ވަށައިގެން ޖެހީ މާބުލް ކަމަށެވެ. އެކަމަކު އެހާ އަވަހަށް އެތަނުގައި ރެނދުލާތީ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރެނދުލި ސަބަބު އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ސަބަބު ދެނެގަނެ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އިސްލާމީ މަރުކަޒު ބޭރުގައި ޖަހަން ޗައިނާއިން ގާތްގަނޑަކަށް 1.14 މިލިޔަން ޑޮލަރުގެ މާބުލް ދިނެވެ. މަޝްރޫއަށް ސަރުކާރުން ހޭދަކުރީ ތިން މިލިޔަން ރުފިޔާ އެވެ.
އެ ތަނުގައި ރެނދުލީ، ޗައިނާ އިން ހަދިޔާކުރި ފެންވަރު ދަށް މާބުލް ޖެހުމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ. މާބުލްގެ ބަދަލުގައި ރެނދު ލާފައި ވަނީ އެކި ޑިޒައިންތަކަށް ބޭނުންކުރި ތަށިމުށީގައި ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.
މާބްލް ޖެހި ސަރަހައްދުގައި ހިޔާވާން ކުޑަތަކެއް ޖަހަން ވެސް ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ފަށަން ހަމަޖައްސާފައި ވަނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.