30 ޑިސެމްބަރ 2017 - 12:57

މާލެތެރޭގައި ހުރި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ހުރިހާ ޝެޑެއް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން 50 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމް އިން މާލޭގެ ތިން ސަރަހައްދެއްގައި ތިން ޝެޑެއް ހިންގަ އެވެ.
ވެހިކަލްތަކަށް ތެޔޮ އަޅައިދޭ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން އެސްޓީއޯއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގައި އާ ޕެޓްރޯލް ޝެޑް ހެދުމަށް ފަހު މާލެ ތެރޭގައި ހުރި ޝެޑްތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ކަނޑު އުޅަނދުތަކަށް ވެސް ތެޔޮ އަޅައިދޭނީ އެތަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޝެޑް ހަދައި ނިމުމުން މާލެތެރޭގައި އެފްއެސްއެމްގެ ތެޔޮ ބައުޒަރުތައް ނުދުއްވާނެ. އެކަމަކީ ވަރަށް ނުރައްކާތެރި ކަމަށްވާތީ ކަނޑު އުޅަނދުތަކަށް ވެސް އަލަށް ހަދާ ޝެޑުން ތެޔޮ އެޅޭނެ ގޮތް ހަމަޖައްސަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޓީސީސީ ހަވާލުކޮށްގެން އަލަށް ހަދާ ޝެޑް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރު އެތަނުން އެއްފަހަރާ މަދުވެގެން 20 އުޅަނދަށް ތެޔޮ އެޅޭނެ ކަމަށެވެ. އަދި އެތަނުގައި އެކަށީގެންވާ އަދަދަކަށް ތެޔޮ ރައްކާކުރަން ބިމު އަޑީގައި ޓޭންކުތަކެއް ހަދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.