ލީގު ދެބައިވިއިރު އެއް ވަނައިގައި ނަޕޯލީ
ލީގު ދެބައިވިއިރު އެއް ވަނައިގައި ނަޕޯލީ

ކްރޮޓޯނޭ، އިޓަލީ (ޑިސެމްބަރު 30) – ކްރޮޓޯނޭ އަތުން 1-0 އިން މޮޅުވެ އިޓާލިއަން ލީގުގެ ދެ ބައިވިއިރު އެއް ވަނަ މަގާމުގައި ނަޕޯލީ ދެމިއޮވެއްޖެ އެވެ.

ނަޕޯލީ އެއް ވަނައިގައި އޮތީ 48 ޕޮއިންޓް ހަމަކޮށް ހަތަރު ޕޮއިންޓުގެ ލީޑެއްގަ އެވެ. އެކަމަކު ދެ ވަނައިގައި 44 ޕޮއިންޓާ އެކު އޮތް ޔުވެންޓަސް މިރޭ ހެލަސް ވެރޯނާ އަތުން މޮޅުވެއްޖެ ނަމަ ނަޕޯލީގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ. ތިން ވަނައިގައި 40 ޕޮއިންޓާ އެކު އޮތީ އިންޓަ އެވެ.

ރަށުން ބޭރުގައި ރޭ ކްރޮޓޯނޭއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން މަރެކް ހަމްސިޗެވެ. އޭނާ ވަނީ ނަޕޯލީ އަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ހަދާފައިވާ ރެކޯޑް މިދިޔަ ހަފުތާގައި މުގުރާލައިފަ އެވެ.

އިޓާލިއަން ލީގުގައި މިއަދު ކުޅޭ މެޗުތަކަށް ބަލާއިރު ރޯމާ ނުކުންނާނީ ސަސުއޮލޯއާ ދެކޮޅަށެވެ. ފިއޮރެންޓީނާ އާއި އޭސީ މިލާން ވާދަކުރާއިރު އިންޓަ ނުކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ. މިއީ އަލުން ފޯމަކަށް އެޅެން އިންޓަ އަށް އަނެއްކާ ވެސް ލިބޭ ފުރުސަތެކެވެ. ލީގުގައި ނަތީޖާ ދަށްވެފައިވަނިކޮށް އެ ޓީމު ވަނީ މިދިޔަ ހަފުތާގައި ވާދަވެރި މިލާން އަތުން ބަލިވެ އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.