ފޯނުތަކުގެ ސްޕީޑް ދުވަހަކު ވެސް ދަށެއް ނުކުރާނަން: ސެމްސަންގް އަދި އެލްޖީ
ފޯނުތަކުގެ ސްޕީޑް ދުވަހަކު ވެސް ދަށެއް ނުކުރާނަން: ސެމްސަންގް އަދި އެލްޖީ

ދުވަސްވާ ވަރަކަށް ސްމާޓްފޯނުތަކުގެ ބެޓެރީގެ ބާރުކެނޑެމުން ދެ އެވެ. އެއީ އޭގެ ތަބީއަތެވެ. މިއީ މައްސަލައެއް ވެސް ނޫނެވެ. ބޭނުންނުކުރެވޭ ވަރަށް ބެޓެރީ ހަލާކުވުމުން ނުވަތަ ބެޓެރީގައި ބާރުނުހިފަހައްޓާ ނަމަ، އާ ބެޓެރީއެއް ލައްވާނީ އެވެ.

ދުވަސްވާ ވަރަކަށް އައިފޯނުތަކުގެ ސްޕީޑް ދަށްވާ ކަމަށް އެ ބޭނުންކުރާ މީހުން ބުނެ އެވެ. ޝަކުވާތައް ގިނަވެ، ފަޅައިގެންދިއުމުން އެޕަލްއިން ބުނީ އެއީ ގަސްދުގައި އެ މީހުން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމަށް އެންމެ ފަހުން މައާފަށް ވެސް އެދުނެވެ.

އެލްޖީ އިލެކްޓްރޯނިކްސްއިން ބުނީ، އެލްޖީ ފޯނުތަކަށް ކިތަންމެ ދުވަހެއް ވީ ނަމަވެސް، ސްޕީޑް ދަށްނުކުރާނެ ކަމަށެވެ. އެ ޒާތުގެ ކަމެއް ދުވަހަކު ވެސް ނުކުރާނެ ކަމަށް ވެސް ބުންޏެވެ.

ސެމްސަންގް އިލެކްޓްރޯނިކްސް އިން ބުނީ، ކޮންމެ ހާލަތެއްގައި ފޯނު އޮތް ނަމަވެސް، ބޭނުންކުރާ މީހުން ފޫހިނުވެ ސެމްސަންގް ފޯނުތައް ގެންގުޅެވޭނެ ކަމަށެވެ. ސެމްސަންގް ފޯނުތައް ގިނަ ދުވަހު ގެންގުޅެވޭ ގޮތް ހަދަނީ ބޭނުންކުރާ މީހުންނަށް ދަތިނުކޮށް ކަމަށް ވެސް ބުންޏެވެ.

އައިފޯނުތަކަށް ދުވަސްވާން ފެށުމުން، ސްޕީޑް ދަށްކުރުމުގެ ސިޔާސަތެއް ގެންގުޅެނީ، ތައާރުފުކުރާ އާ ޓެކްނޮލޮޖީން އުފާ ލިއްބައިދިނުމަށް ކަމަށް އެޕަލްއިން ބުނެ އެވެ. އެއީ ގިނަ ދުވަހު ފޯނުތައް ބޭނުންކުރެވޭ ހާލަތުގައި ބޭއްވުމަށް ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ. މިއީ ހަގީގަތުގައި ބަރާބަރު ވާހަކައެކެވެ. އެކަން މައްސަލައަކަށް ވީ، ބޭނުންކުރާ މީހުންނަށް ކުރިއާލައި އަންގައިނުލުމުންނެވެ.

އެޕަލްއިން ބުނި ގޮތުގައި، 500 ޗާޖަށް ފަހު، އައިފޯނުތަކުގެ ބެޓެރީގެ ޝަހުސިއްޔަތު ގެއްލެން ފަށަ އެވެ. ދޭހަ އަކީ މުސްކުޅިވެ އަވަހަށް ބާރުދިއުމެވެ. އެ ހާލަތުގައި ވެސް އައިފޯނުތައް ފުރިހަމައަށް މަސައްކަތްކުރުވުމަށް އެޕަލްއިން ކުރާ ކަމަކީ، ފޯނުތަކުގެ ސްޕީޑް ދަށްކުރުވުމެވެ. އެއީ ސޮފްޓްވެއާ އަޕްޑޭޓްކުރުވައިގެންނެވެ.

އެޕަލްއިން މިހާރު ވަނީ އެކަމަށް މާފަށް އެދިފަ އެވެ. އެއީ ބޭނުންކުރާ މީހުންނަށް އެކަން ސިއްރު ކުރެވުނީތީ އެވެ. އެޕަލްއިން މިހާރު ނިންމާފައި ވަނީ، އައިފޯނުގެ ބެޓެރީ އަށް ދުވަސްވެ، ބާރު ކެނޑެން ފެށުމުން، ފޯނު ބޭނުންކުރާ މީހުންނަށް އެކަން އަންގައިދޭށެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އަމާޒުކުރެވޭ ފޯނުތަކަކަށް، އަންނަ އަހަރުން ފެށިގެން، ސޮޕްޓްވެއާ އަޕްޑޭޓް ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.