ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި
ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި

ޕެރިސް (ޖުލައި 11) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ ހާފުގައި އަނިޔާވެ ބަދަލުކުރަން ޖެހުނު ނަމަވެސް، ބަދަލު ކުޅުންތެރިޔާ އެޑާ އިތުރު ވަގުތުގެ ތެރޭ ވައްދާލި ލަނޑާ އެކު މުބާރާތް ބާއްވާ ގައުމު ފްރާންސް 1-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޯޗުގަލް މިރޭ ހޯދައިފި އެވެ.

ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި
ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި

އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލުން ގްރީސް އަތުން ބަލިވިތާ 12 އަހަރު ފަހުން ޕޯޗުގަލުން، މުބާރާތުގެ ތަށި ހޯދިއިރު މިއީ އެ ޓީމަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ލިބުނު ފުރަތަމަ ތަށްޓެވެ.

ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި
ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް އެއްވަރުވެ، ތިން ވަނަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރުން ޖާގަ ހޯދި ޕޯޗުގަލް ތަށި ހޯދުން ވެގެންދިޔައީ މުބާރާތުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭނެ ފަދަ ހައިރާންކުރުވަނިވި ކާމިޔާބީއަކަށެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑޯ ހުރި ނަމަވެސް ޕޯޗުގަލާ މެދު މި ފަހަރު ގިނަ ބަޔަކު މާބޮޑު އުއްމީދެއް ނުކުރެ އެވެ. އެ ޓީމު މުބާރާތުގައި 90 މިނެޓުގެ ތެރޭގައި މޮޅުވީ އެންމެ މެޗަކުންނެވެ. ދެ ވަނަ ބުރުން ޕޮލެންޑް އަތުން އިތުރު ވަގުތުގައި މޮޅުވިއިރު ކުއާޓާ ފައިނަލުން ޕޮލެންޑް އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތުގެ ތެރޭ މޮޅުވީ ސެމީ ފައިނަލުގައި ވޭލްސް އަތުން އެކަންޏެވެ.

ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި
ފްރާންސް ބަލިކޮށް ޔޫރަޕުގެ ތަށި ޕޯޗުގަލް ހޯދައިފި

ދުނިޔޭގެ މަޝްހޫރު ތަރިން ގިނަ އަދި ފޭވަރިޓުންގެ ގޮތުގައި މުބާރާތާ ކުރިމަތިލި ފްރާންސަށް މިރޭގެ މެޗުގައި، އެ ޓީމުގެ ޖާދޫ ދެއްކޭ ގޮތެއް ނުވި އެވެ. ޖުމްލަކޮށް ބަލާއިރު މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް އެހާ ވަރުގަދަ އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ނުދެ އެވެ.

ޕޯޗުގަލަށް ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯގެ ކަކުލަށް އަނިޔާވެ ބާލަން ޖެހުމުންނެވެ. ފްރާންސުގެ ޑިމިޓްރީ ޕަޔެޓުގެ ފައިން ޖެހި ރޮނާލްޑޯގެ ކަކުލަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދައިގެން އޭނާ ދެ ފަހަރެއްގެ މަތިން ކުޅެން މަސައްކަތްކުރި އެވެ. އެކަމަކު އެންމެ ފަހުން ކުޅުން ކުރިއަށް ނުގެންދެވިގެން އޭނާ ޖެހުނީ ފައިބާށެވެ. މެޗުގެ ކުރީކޮޅު، ކުޅުމާ ވަކިވާން ޖެހުމާ އެކު ރޮނާލްޑޯ ވަރަށް ބޮޑަށް ރުޔެވެ.

ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ފްރާންސުންނެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މޫސާ ސިސޯކޯ 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ޕޯޗުގަލް ގޯލްކީޕަރު މަތަކުރި އެވެ.

ދެ ވަނަ ހާފުގައި ފްރާންސުގެ އެންޓޮއިން ގްރިޒްމަން އާއި އޮލިވާ ޖިރޯ އަށް ރަނުގެ ދެ ފުރުސަތު ލިބުނެވެ. އޭރިއާ ތެރެއިން 65 ވަނަ މިނެޓުގައި ގްރިޒްމަން ހުހަށް ހުރެ ބޮލުން ފޮނުވާލި ގޯލް މަތިން ދިޔައިރު 74 ވަނަ މިނެޓުގައި ޖިރޯ ފޮނުވާލި ބާރު ބޯޅަ މަތަކުރީ ޕޯޗުގަލް ކީޕަރު ރުއި ޕެޓްރީޝިއޯ އެވެ. އަދި 83 ވަނަ މިނެޓުގައި ސިސޯކޯ ފޮނުވާލި ބޯޅައެއް ވެސް އޭނާ ދިފާއުކުރި އެވެ.

ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ފްރާންސަށް މެޗު ކާމިޔާބުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. މުޅި މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ހުސް ފުރުސަތު ފްރާންސުގެ އަންދްރޭ-ޕިއޭ ޖިޖްނެޗް އަށް ލިބުނުއިރު، ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ކައިރިން ނައްޓާލާފައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެ ޓީމު އެއްވަރުވެގެން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. ދެ ވަނަ ހާފުގައި، މެޗުގެ 108 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޑިފެންޑަރު ރަފައެލް ގުއެރޭރޯ ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލި އެވެ. ފްރާންސަށް އުފަން މި ކުޅުންތެރިޔާގެ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑި އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހޭނެ ކަމަށް ބަލައިގެން ތިއްބާ، މަންޒަރު ބަދަލުވީ 109 ވަނަ މިނެޓުގަ އެވެ. ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީގެ ލޯނެއްގެ ދަށުން ފްރާންސުގެ ލިލް އަށް ކުޅޭ ޕޯޗުގަލްގެ އެޑާ، 28، ފްރާންސުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލި ބާރު ބޯޅައާ އެކު، އެ ޓީމުން ތަށްޓާ ގާތަށް ޖެހިލި އެވެ.

ފަހު ވަގުތު ފްރާންސުން ކުރިއަށް ޖެހުނު ނަމަވެސް، އެ ޓީމަށް މާ އެދެވޭ ހަމަލާއެއް ވެސް ނުއުފެއްދުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ، 1984 އަދި 2000 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަން ފްރާންސަށް ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށީގައި އަތްނުލެވި މެޗު ނިންމާލަން ޖެހުމެވެ.

ޕޯޗުގަލްގެ ކާމިޔާބީއާ އެކު މި ސީޒަން ވެގެންދިޔައީ އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯގެ އެންމެ ކާމިޔާބު ސީޒަނެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު މި ފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ގައުމާ އެކު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމާ އެކު، ފައި ބެންޑޭޖްކޮށްގެން، ދެ ވަނަ ހާފުގައި ބެންޗުގައި ހުރެ ޓީމަށް އިރުޝާދު ދިން ރޮނާލްޑޯގެ ކެރިއަރުގެ އެންމެ ބޮޑު އެއް އަމާޒަށް ވާސިލްވީ އެވެ.