29 ޑިސެމްބަރ 2017 - 11:37

އޭނާގެ ކުޑައިރުގެ ހީރޯ އަކީ ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ދުނިޔޭގެ އެންމެ އުއްމީދީ އެއް ފޯވާޑް ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ފެބްރުއަރީ މަހު ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރާ އިރު އެމްބާޕޭ އަށް ރޮނާލްޑޯއާ ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ އެވެ.
"އެއީ ތެދެއް، ކްރިސްޓިއާނޯ އަކީ އަހަރެންގެ ކުޑައިރުގެ ހީރޯ. އަހަރެން ވަލްޑެބެބަސް (މެޑްރިޑުގެ ޓްރެއިން ސެންޓަރު) އަށް ދިޔައިރު އޭނާއާ ބައްދަލުވުމަކީ ލިބުނު ބޮޑު އުފަލެއް. އެކަމަކު މިހާރު އަހަރެންގެ އެ އިހުސާސްތަކެއް ނުހުރޭ ސަބަބަކީ އަހަރެން ވެސް މިހާރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވެފައިވާތީވެ،" އުމުރުން 19 އަހަރުގެ އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ވަނީ މިދިޔަ ސީޒަނުގައި މޮނާކޯއާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެއާ އެކު އޭނާ އަށް މެޑްރިޑުން ވެސް ޝައުގުވެރިވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ރޮނާލްޑޯގެ މަގާމަށް ކުރިއަށް އޮތްތަނުގައި ކުޅުވަން މެޑްރިޑުން ބޭނުންވާ ކުޅުންތެރިޔަކީ އެމްބާޕޭ ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު ބޮޑު އަގެއްގައި އޭނާގެ ހިދުމަތް ހޯދީ ޕީއެސްޖީންނެވެ.
އެމްބާޕޭ ބުނީ ރޮނާލްޑޯ، 32، އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު ޕީއެސްޖީގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެ ޓީމުގައި އެ ފެންވަރާ ގާތްކުރާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރީ ބްރެޒިލް ފޯވާޑް ނޭމާގެ ނަމެވެ.
"ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަކީ ލިބޭ އުފަލެއް، އަހަރެން އެ ކްލަބުގެ ސްޓޭޑިއަމުގައި ދުވަހަކު ވެސް ކުޅެފައިނުވާތީއާ އެކު. މި މެޗު ވެގެންދާނީ ތަފާތު ޗެލެންޖަކަށް،" އެމްބާޕޭ ބުންޏެވެ. "މި މެޗަށް އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ. އަދި އަހަރެމެންގެ ފެންވަރު ހުރިކަން ގަބޫލު ވެސް ކުރަން ޖެހޭ."